އޮގަސްޓް 7، 2008 ގައި އަމަލު ކުރަން ފެށި ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އައިއިރު، ރައީސުލްޖުމްހޫރިއްޔާގެެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ނެތެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރުމަކީ ރާއްޖޭގައި ހިނގާފައި ހުރި ކަންކަމެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ރައްޔިތުންގެ މަޖިލިހުން ވަކިކުރީ ޖުލައި 21، 2015 ގައި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ނޮވެމްބަރު 5، 2015 ގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހުން ފާސްކުރި ދުވަސް ވެސްވީ ތާރީހީ ދުވަހަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ހުށަނޭޅި ކަމުގައި ވިޔަސް، އޭރެއްގައި އޮންނަ ސިޔާސީ ވާދަވެރި ޕާޓީތަކުން އަބަދުވެސް ރައީސަކަށް ހުންނަވާ ބޭފުޅަކަށް ތަފާތު އިންޒާރު ދީފައި އެބަހުއްޓެވެ. އެންމެ އާންމު އިންޒާރަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ނަގާނެ ކަމުގެ އިންޒާރެވެ. އެކަމަކު، "ޑިމޮކްރަސީއާ ބީރައްޓެހި" ކަމެއް ކަމަށް ބުނެ، ކޮންމެ ބަޔަކު ވެސް މިކަމުގައި ފަސް ޖެހެނީއެވެ. ދައްކަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރަން ފުރުސަތު ދޭން ޖެހޭ ވާހަކައެވެ. ދިވެހިން ހޮވި ރައީސުލްޖުމްހޫރިއްޔާ އަށް ފުރިހަމަ އަށް އިހްތިރާމް ކުރަން ޖެހޭ ވާހަކައެވެ.

އެކަމަކު، ހާލަތު މުޅިން ބަދަލުވެއްޖެއެވެ!

ނޮވެމްބަރު 17، 2023 ގައި ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް 17 ދުވަސް ފަހުން ތިން މަސްވާން ދާއިރުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބޭނުންވީ ސަރުކާރުގެ ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި އަރައި "ބޮންތީ"ގައި ހިފުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރިއެވެ. ރަނގަޅު ދަނޑިވަޅަކާއި ހާލަތަކާ ބެލުމަށް ފަހުގައި، އެންމެ ރަނގަޅު ވަގުތުގައި އެމްޑީޕީގެ ލީޑަޝިޕްގެ މަޝްވަރާގެ މަތިން އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި ފާސް ކުރަން އެމްޑީޕީން މިހާރު ތިބީ އަތުކުރި އޮޅާލައި، "ފޫގަޅައިގެން"ނެވެ.

އެކަމަކު، އެމްޑީޕީއާ އެކުގައި މަސައްކަތް ކުރާ ޑިމޮކްރެޓްސްގެ އެހީތެރިކަމާއެކުގައި އެކަން ކުރެވިދާނެ ހެއްޔެވެ؟

ގާނޫނުއަސާސީގައި އޮތީ ކީކޭ؟

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ތިން ހާލަތެއް މެދުވެރިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެ ކަމަށެވެ. އެ ތިން ހާލަތަކީ އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާފަދަ ކަމެއް ކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުމެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިންބައިކުޅައެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށްފައިވާ ލިޔުމަކުންނެވެ. އެއީ މަޖިލިސް މިހާރު އެކުލެވިގެންވާ ގޮތުން 87 މެމްބަރުންގެ ތެރެއިން 29 މެމްބަރުންގެ ސޮޔެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ހިޔާލު ތަފާތުވުން އުފެދި ޖަލްސާ ކުރިއަށް ނުގެންދެވިފައި. ---

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ހުށަހަޅާ ގަރާރެއް، ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލިސް މިހާރު އެކުލެވިގެންވާ ގޮތުން 87 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ވޯޓުންނެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި މީހަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެ މީހަކު މަގާމުން ވަކިވީއެވެ. ހަމަ އެ މާއްދާގެ (ޅ) ގައި އޮތީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގައި އަމަލުކުރާންވީ ގޮތްތަކާއި އުސޫލުތައް ތަފްސީލްކޮށް އެނގޭނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ގަވައިދުގައި ކަނޑައަޅާންވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު، އެމްޑީޕީގައި މިހާރު 44 މެމްބަރުން ތިއްބެވުމުގެ ސަބަބުން މަޖިލިހުން ނަގާ އެފަދަ ވޯޓެއް ފާސް ކުރުމުގެ ފުރުސަތެއް ނެތެވެ. އެމްޑީޕީއާ އެކުގައި މަޖިލިހުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުލައިގެން ވެސް ހަމަ ކުރެވެނީ 57 ވޯޓެވެ. އެމްޑީޕީން ގިނަ އަދަދެއްގެ މެމްބަރުން ވަކިވެވަޑައިގެން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތުމުގެ ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސްފައިވެއެވެ.

އެގޮތުން މަޖިލިހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފައެވެ. އެ ބަދަލަށް އަމަލު ކުރާ ނަމަ، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރަން ބޭނުން ވާނީ 53 މެމްބަރުންގެ ވޯޓެވެ. އެ ހާލަތުގައި ވެސް އެމްޑީޕީއަށް ހޯދަން ޖެހޭނީ ޑިމޮކްރެޓްސްގެ އެހީތެރިކަމެވެ. އެމްޑީޕީން ބުނަމުންދަނީ އެ ޕާޓީގެ ނިންމުމަށް ވޯޓުދޭނެ ޕީއެންސީ މެމްބަރުން ވެސް އެބަތިއްބެވި ކަމަށެވެ. އެކަމަކު، ޕީއެންސީން ދުލެއް ނުދެއެވެ. ޕީއެންސީން ބުނަމުން އަންނަނީ އެމްޑީޕީގެ ނިންމުމާ ދެކޮޅު ވާނެ ކިތަންމެ މެމްބަރުންތަކެއް ޕާޓީ ތެރޭގައި އެބަތިބި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް. --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވަކިކުރަން އުޅެނީ ކީއްވެ؟ ކޮން މަގްސަދެއްގައި؟

ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީން ހުށަހަޅަން އުޅޭ ގަރާރު މީޑިއާއަށް އަދި ނުފެނުނު ކަމުގައި ވިޔަސް، އެމްޑީޕީގެ ބައެއް މެމްބަރުން ފާހަގަ ކުރައްވާ ގޮތުން ނަމަ، އެ ނިންމުން ނިންމަން ޖެހުނީ ގާނޫނުއަސާސީގައި ބުނާ ތިން ހާލަތުގެ ތެރެއިން އެއް ހާލަތެއް މެދުވެރިވެގެންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުމެވެ. ހެއްކެއްގެ ގޮތުގައި ދައްކަނީ މިދިޔަ އާދިއްތަ ދުވަހު ހިނގައިދިޔަ ކަންކަމެވެ.

އެގޮތުން، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ބޭއްވި ޖަލްސާއާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ބަޔަކު އެއްވެ، ރައްޔިތުންގެ މަޖިލިހުގެ ގޯތިތެރެއަށް ގަލާއި ބިސް އުކުމާއި ކެބިނެޓް ފަހަތުގައި ގޭންގުތައް އޮޕަރޭޓް ކުރުމާއި ސަރުކާރަށް ތާއީދު ކުރާ ބަޔަކު ގްރީން ޒޯންގައި މުޒާހަރާ ކުރަމުންދިޔަ އިރުގައި ވެސް ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވާފައި ނުވުން ފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ނާގާބިލްވުން ކަމަށް ބަލައި އެމްޑީޕީން އެ ހުރިހާ ޒިންމާއެއް އަޅުވަނީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައެވެ. އެމްޑީޕީން ސިފަކުރަނީ މަޖިލިހުގެ ހުރުމަތް ކަނޑާލި ދުވަހެއްގެ ގޮތުގައެވެ. އެކަމަކު، އެ ވާހަކަތައް ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން ގަބޫލެއް ނުކުރެއެވެ. އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެއީކީ ރައީސުލްޖުމްހޫރިއްޔާއަކު ވަކިކުރަން ހުށަހަޅަން ޖެހޭ ވަރު ކަމެއް ނޫނެވެ. މަޖިލިހުގެ ބޭރުގައި އެފަދަ ކަމެއް ހިނގި ނަމަ، އެކަން ބެލޭނެ މުއައްސަސާތައް ހުންނާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާއި ޖުމްލަކޮށް ސަރުކާރުގެ ޕާފާމަންސް ރަނގަޅެވެ. އެހެންވެ، ރައީސް ވަކިކުރަން މަޖިލިހަށް މައްސަލައެއް ހުށަހަޅަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ އަށް ވެރިކަން ގެއްލުނީމަ، އެމްޑީޕީގެ ލީޑަޝިޕަށް އުޅެނީ އެކަމުން އަރައިނުގަނެވިގެން ކަމަށް ވެސް ކުރިން އެ ޕާޓީގައި މަސައްކަތް ކުރެއްވުމަށް ފަހު މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ޕީއެންސީއާ ގުޅިވަޑައިގެންނެވި ސިރާޖު ވިދާޅުވިއެވެ.

"ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކު އިމްޕީޗް ކުރުމަކީ ސަމާސާއަކަށް ކުރާ ކަމެއް ނޫން. އިމްޕީޗް ކުރުމުގައި އެ މާއްދާ ލާފައި އޮތް ސަބަބަކާ އެއްވެސް ގުޅުމެއް ހުރި ސަބަބުތަކެއް ނޫންތޯ އެ ދައްކަނީ؟ އެ މާއްދާ ލާފައި އޮތް ބޭނުމަކާ އެއްވެސް ގުޅުމެއް ހުރި ވާހަަކައެއް ނޫން އެ ދައްކަނީ، އިމްޕީޗްމަންޓަކީ ވަރަށް ހާއްސަ ހާލަތެއްގައި ކުރާ ކަމެއް. ނިމޭ މަޖިލިހަކުން ދެ މަހަށް ވީމަ އިމްޕީޗެއް ނުކުރާނެ. ނުވެސް ކުރެވޭނެ. ގާނޫނުއަސާސީގެ ރޫހެއް ވެސް ނޫން އެއީ." ސިރާޖު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަގާމުން ވަކިކުރަން އިތުރަށް ފަސޭހަވާނެ ގޮތަށް މަޖިލިސް ގަވައިދަށް ގެނައި އިސްލާހާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮންނަ ގޮތަކަށް މަޖިލިހުގެ ގަވައިދު އޮވެގެން ނުވާނެތީ އެ ގަވައިދު ހެދުމުގެ ބާރު މަޖިލިހުގެ ކޮމިޓީތަކަށް ދީފައިވާ ކަމަށެވެ. މަޖިލިހުގެ ޖުމްލަ މެމްބަރުން އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލާ ގުޅޭ ގޮތުން މަޖިލިހުގެ އާންމު ކޮމިޓީން މިކަމުގައި ވަރަށް ބޮޑަށް މަޝްވަރާތައް ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޖިލިސް ކުރިއަށް ގެންދަން ބޭނުންވާ ނަމަ، ގާނޫނީ އިމުގެ ތެރެއިން މިކަމަށް ބަދަލު ގެނެސްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

"މަޖިލިހުގެ ސިޓިން މެމްބަރުންގެ ގޮތުގައި ތިއްބަވާފައި މަޖިލިސް އިން ވަކިވެވަޑައިގެންނެވި ބޭފުޅުން ނެތުމުން މަޖިލިސް ހުއްޓުމަކަށް އަންނާތީވެ، ކިތަންމެ ގޮތަކުން ދަތިތައް ދިމާވި. އޭގެތެރޭގައި މަޖިލިހުގެ ކޯރަމް ވެސް ހަމަކުރަން މި ޖެހެނީ މަޖިލިސްގެ ނެތް މެމްބަރުންގެ އަދަދު ހިމަނައިގެން. އެ ހާލަތުގައި މަޖިލިސް ހުއްޓޭ ހާލަތެއް އެބައާދެ. މި ނޫނަސް ކިތަންމެ ދަތިތައް އެބަ ދިމާވޭ އެ ނަންބާސް އެ ތަނުގައި ތިބި ކަމަށް ބަލައިގެން ކުރިއަށް ގެންދާ ކަމަށްވާ ނަމަ. އެހެންވީމަ މަޖިލިހުގެ ގަވައިދަށް ގެނެވުނު ބަދަލުތަކަކީ އާންމު ކޮމިޓީން މަޖިލިސް އަށް ލިބިދީފައި އޮންނަ ބާރުގެ ތެރެއިން ކުރެވުނު ކަމެއް. އެއީ ގާނޫނުއަސާސީއާ ފުށު އަރާ ކަމެއް ނޫން،" ބިގޭ ވިދާޅުވިއެވެ.

ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ވެސް ވިދާޅުވީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލިހުގެ ގަވައިދު އިސްލާހުކޮށްފައި އޮތް ގޮތް ނޫން ގޮތަކަށް ގުނާ ނަމަ، މި ދަނޑިވަޅުގައި އިންތިހާބު ކުރުމުގެ ފުރުސަތު ނެތް ބަޔަކު އެއީ މެމްބަރުންގެ ގޮތުގައި ތިބި ބައެއް ގޮތަށް ގުނައިގެން ވޯޓުގެ އަދަދާއި ކޯރަމްގެ އަދަދު ގުނަން ޖެހޭނެ ކަމަށެވެ.

"އަލުން ބައި އިލެކްޝަނެއް ބާއްވައިގެން އެ ގޮނޑިތަކަށް ނޫނީ އެ ދާއިރާތަކަށް މެމްބަރުން އިންތިހާބު ކުރުން މަނާކޮށްފައި އޮތް އޮތުމެއް އެބައޮތް. އެގޮތަށް މަނާކޮށްފައި އޮތް ގަޑިއެއްގައި އެމީހުންނަކީ އެ ތަނުގައި ތިބި ބައެއްގެ ގޮތުގައި މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ ކޮން ހަމައަކުންތޯ؟" މަޖިލިސް އިންތިހާބަށް ހަ މަހަށްވީމަ، ބައި މަޖިލިހުގެ ބައި އިލެކްޝަން ބޭއްވުމުގެ ފުރުސަތު ނޯންނާނެ ކަން ފާހަގަ ކުރައްވައި ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މި ޒާތުގެ ނިންމުންތަކަކީ ސުޕްރީމް ކޯޓުން ގޮތް ނިންމާ ޒާތުގެ ކަންކަން ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލިހުގެ ނިންމުންތަކާ މެދުގައި ސުޕްރީމް ކޯޓުން ގޮތް ނިންމާ ތަނެއް މި ފަހުގެ ތާރީހުގައި ފެނިގެން ނުދިޔަ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. އެކަމަކު، ސިރާޖު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އުފެދުނު ކޯޅުންތައް ވެސް ހައްލުކޮށްދިނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެއީ އެމްޑީޕީއަށް މައްސަލައެއް ހުށަހެޅިފައި، އެހެން ބަޔަކަށް މައްސަލައެއް ހުށަނޭޅުމަކީ ގަބޫލު ކުރެވޭ ހަމައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ދެކެވަޑައިގަންނަވާ ގޮތުގައި ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި އިސްލާހެކެވެ. އެކަމަށް ބާރު ދެއްވައި އޭނާ ދެއްކެވީ ސިނާރިއޯއެކެވެ. އިންތިހާބަށް ހަ މަހަށްވެފައި އޮއްވައި، މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން 70 މެމްބަރުން ޖިނާއީ ކުށެއްގައި 12 މަހަށް ވުރެ ގިނަ މުއްދަތަކަށް ޖަލަށްލުމެވެ. އެއާއެކު، 10 ވަރަކަށް މެމްބަރުން އެއްވެލާފައި ކަންކަން ބަދަލު ކުރުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު (ވ)، އަބްދުއްރަހީމް (ކ) އަދި ސިރާޖު. --- ވަގުތު އިމޭޖަސް: އަހުމަދު އިޒްމީމް

"މިސާލަކަށް މާދަމާ އިރުއެރުގައި 75 މެމްބަރުން އިސްތިއުފާ ދިނީ. އޭރުން މަޖިލިހުގައި ތިބޭނީ ފަސް މެމްބަރުން. އޭގެ ތެރެއިން ތިން މީހުން އެއްވީމަ ހަމަ ގާނޫނުއަސާސީ ބަދަލު ކުރަންވީ؟ އެހެންވީމަ އެއީ ގާނޫނުއަސަސާސީއާ ވެސް ހިލާފަށް މަޖިލިސް ގަވައިދަށް ގެނެސް އޮތް އިސްލާހެއް. ތިން މީހުން ތިބެގެން ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރަން. އެކަމަކު މި ސިނާރިއޯ އައިސްދާނެ ނޫންތޯ މިގޮތަށް މާނަކޮށްފިއްޔާ؟" ސިރާޖު ވިދާޅުވިއެވެ.

ޕީއެންސީން ބުނަނީ ގަރާރު ފެއިލްކޮށްލާނެ ކަމަށް!

ސިރާޖު ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް މެމްބަރުންގެ ވޯޓު ހަމަ ނުވާނެ ކަމަށެވެ. އެމްޑީޕީގެ ލީޑަޝިޕަށް "ގެއްލުނު އެތި ބޮޑުކަމުން" އެކަން ހީވި ނަމަވެސް އެ ޕާޓީ އަށް އެކަމެއް ނުކުރެވޭނެ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ. ސިރާޖު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގިނަ މެމްބަރުންގެ ވެސް ވިސްނުމަކީ އެމްޑީޕީން ހުށަހަޅަން އުޅޭ ގަރާރު ފެއިލްކޮށްލުމެވެ. އެމްޑީޕީގެ ބައެއް މެމްބަރުންނަކީ ހަމަ އާއި އުސޫލަށް ގަބޫލުކޮށް، ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރާ ބައެއް ކަމަށާއި އެމްޑީޕީން ބޭނުންވާ ނަންބަރު ހަމައެއް ނުކުރެވޭނެ ކަމަށް ވަރަށް ޔަގީންކަމާ އެކުގައި ސިރާޖު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ފާސް ކުރީ "މަދު ބަޔަކު އެއްވެލައިފަ"އެވެ. އަދި އެ ވޯޓުގައި އެގޮތަށް ފާސްވީ އަޣުލަބިއްޔަތު ލިބިގެން ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންވެ، ވޯޓު ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަން ސިރާޖު ދެއްވައެވެ.

"80 އިން ގުނައިގެން އުޅުނަސް ނުވާނެ. 70 އިން ގުނައިގެން އުޅުނަސް މިކަމެއް ނުވާނެ. އަޅުގަނޑުމެން މިކަން ކުރިޔަކަ ނުދޭނަން. ނުވެސް ކުރެވޭނެ،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުން މިކަމުގައި ގޯހެއް ނަހަދާނެއެވެ. އެ ކޯޓަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކޯޓެއް ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ. އެހެންވެ، މަޖިލިހުގެ ގަވައިދަށް ގެނެސްގެން އުޅޭ އިސްލާހުގައި ފުރިހަމަ ނިންމުމެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީން ވެސް އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގައި ތަދައްހަލުވާން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރަން ތައްޔާރަށެވެ.

އެމްޑީޕީން މިކަމުގައި ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވާ ގޮތުގައި މަޖިލިހުގެ 19 ވަނަ ދައުރު މެއި 27 ގައި ހަމަވާއިރު، ޕީޖީ ގްރޫޕުން ފާސްކޮށްފައިވާ ކަމަކަށްވާތީ އޭގެ ކުރިން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ޖެހެއެވެ. އިިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދައިފި ނަމަ، އެކަން ވާނީ ތާރީހީ ދުވަހަކަށެވެ. ނަވާރަ ވަނަ މަޖިލިހަށް އެމްޑީޕީން އައީ 65 ގޮނޑިއާ އެކުގައެވެ. އޭރުގައި ނަމަ މިކަން ކުރުމަކީ ނުލާހިކު ފަސޭހަ ކަމެކެވެ. އެކަމަކު، މިހާރު އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދާ ބަލާފައި އެކަން ވެދާނެ ކަމާ މެދުގައި ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސަމުގާ

    ދިވެހި ރައްޔިތުން ހޮވި ރައީސްއާއި މެދު ގެރިގުޔަށް އަޅުކަންކުރާ ބައިގަޑުގެ މައި ސަރުދާރު ހިއްޕުޅާ ނުވީމަ އޭނާއަށް ވިކިފަ ތިބި އެމްޑީޕީ އަދި ދަނޑިމޮކުރެޓްސްގެ ބައިގަނޑު އެކަން ކުރަން އެއުޅެނީ. ވޯރާ ވިޔަފާރިވެރިން މިގައުމުން ނެރުން ގޮތަށް އެމްޑީޕީގެ އިސްވެރިން މިގައުމުން ބޭރުކުރަންޖެހޭ

    162
    10
    • ނާހި

      މުއިއްޒު ފަދަ ތައުލީމީ ހިތްތިރި ކެތްތެރި ބޭފުޅަކު އަޅުގަނޑުމެންގެ ހަޔާތުގަ އަދި ވެރިކަމަށް ނާދެއެވެ. ދިވެހިންނަށް ރަގަޅު ވެރިކަމެއް ކިށްދެވޭނީ މސަރުކާރަށްޖަން ޔަޤީން ވާތީ ހަޖަމްނުކުރެވިގެން ވެރިކަމުގެ ދަހިވެތި ކަމުގަ ތެޅިބާލަނީ. ﷲ ގެ އިރާދަފުޅާއެކު ތިޔަބައިގަނޑު ހުރިހާގިތަކުންވެސް ފައިލްވާނެ! ޢިންޝާ ﷲ.

      92
      5
    • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.އެން.އެފް 9305205 (ވައިބަރ)

      ނޫން ތިޔަ އަކީ މުޅިން ތެދެއް ނޫން. މުޢިއްޒު ހުސް ގޮނޑި ދައްކާ، މަކަރުން ވޯޓު ފޭރި ގަތް މީހުން ވެސް ބޭނުން ވަނީ މުޢިއްޒު ބާލަން. މިއީ ޙަޤީޤަތް!

      16
      88
      • ސާޝާ

        ނޫން ތިޔަކީ މުޅިޔަކިން ރަނގަޅުވާހަކައެއްނޫން ، ހުސްގޮނޑި ދެއްކީ އެ ގޮޑީގެ ޝަރަފައްޓަކާ އެކަމު އެގޮޑީގެ ޝަރަފެއް މިހާރަކުނެތް ،ވޯޓްދީ ޑރ މުއިއްޒުއަށް ހުސްގޮނޑިޔަކަށް ނޫން ، ވެރިކަމުގެ ދަހިވެތިކަމުގައި ހުސްގޮނޑީގެ ޝަރަފުފެރިޔާވެސް މޮޔަވެއްޖެ މިހާރަކު އިޙްތިރާމެއްނެއްނެތް ..

        40
        6
        • ޑރ. ރާމީ ޕީ.އެން.އެފް

          ހުސް ގޮނޑި ނުދެއްކި ނަމަ މުޢިއްޒު ނުހޮވުނީސް ކަމަށް ސިޔާސީ މާހިރުން ބުނޭ. މުޢިއްޒަށް ބަޔަކު ވޯޓު-ލީ ނަމަ މުޢިއްޒު ބުނެގެން މާލޭ މޭޔަރ ކަމަށް މީހަކު ހޮވާނެ!

          5
          19
          • Anonymous

            ހުސްގޮނޑި ބޭނުންވީ އޭނަޔަށް ވެރިކަމަށް ނާދެވޭނަމަ އެހެންމީހަކު ކުރިމަތިނުލާ މުޒާހަރާކޮށް އަވަދިވާން ތިބެން. އޭރުން އަނެއްކާވެސް މޯދީގެ ގެރިގުއި ސަރުކާރު އޮވެ ހުސްގޮނޑި ހަމަ ޖަލުގަ އިންނާނީ. ހުސްގޮނޑިއަށް ލުޔެއްދިންއިރަށް ނުކުތީ ވެރިކަމާތޮޅެން. ދައުރު ނިމެންދެން ކެތެއް ނުވި.

            10
            1
  2. ހނހ

    ވެރިކަން ގެއްލުނީމަ ކުރިކަމަކީ ހުރިހާ ޖަރީމާއެއް ފޮރުވުން އެގޮތުން ކޮންކްރީޓް މެޝިނައްއަޅާ ސަރުކާރު ކުންފުންޏެއްގެ ލިޔުންތައް ނައްޓާލާ ބްރިޖް އެއްބަސް ވުން ވެސް 2 ދުވަހައް ވީމާ ދައްމާލާ އަދި އިންޑިޔާއާ ގުޅިގެން ތިބި އިތުރު ސިފައިން ފޮނުވާލާ ޖަރީމާތައް ހިންގީ އެހެންވީމާ ގާނޫނު ތަކާ ހިލާފުވީ އެމްޑީޕީ އެމީހުން އަސްލު ބޭރުކުރަން ޖެހޭނޫ

    70
    4
  3. ފާއިޒު

    ސަރުކާރަށް ތާއީދު ކުރާ ބަޔަކު އެއްވެ، އިހްތިޖާޖުކޮށް ހަދަން ފެށުމަކީ އެމް ޑީ ޕީ ން އެމިހުންގެ ފުރަތަމަ ދައުރުގައި ފެށިކަމެއް. ރައީސުލް ޖުމްހުޜިއްޔާގެ ޒިންމާ އުފުލަން ނޭނގިފައި އާގަމަވެފައި މިހާތަނަށް އޮތީވެސް އެމް ޑި ޕީ ގެ ވެރިކަމެއްގައި އެއީ އެމް ޑީ ÷ީގެ ދެވަނަ ދައުރު ގެ ފުރަތަމަ 2 އަހަރުގައި. ތަރައްޤީގެ އެއްވެސް ކަމެއް ނުކޮށް އެއް އަހަރު ވެފައި ވަނިކށް ރާއްޖެއަށް ކޮވިޑްގެ ވޭދަނަ އައީ. އެކަމަށް ވެސް ފިޔަވަޅު އަޅަން މާކުރިން ސިޔާސީ ފަރާތްތަކުން އިރުޝާދުދެމުން ދިޔައިރުވެސް ކުރާނެކަމެއް ނޭނގިފައި ތިބި އެތައް ދުވަހެއް ދިޔަ.

    50
    3
  4. ދޭދޭ މީހުން

    އަސްލު ގެއްލުނު އެތި ބޮޑު ކަމުން ހަޖަމުނުވަނީ

    56
    4
  5. ހަގީގަތްމީ

    އަދި ގައިމުވެސް މުއީޒު ގާނޫނާ ހިލާފު ނުވޭ، އެމްޑީޕީ ސަރުކާރުގެ ވެރިކަމުގަ ކިތައް ގާނޫނާ ހިލާފު ކަންތައް ކޮއްފަ އޮތްތޯ ބަލާލުން ރަނގަޅު ވާނެ

    61
    2
  6. ހުވަފެން

    މިހާރު ނޫހަށް ފަންޑުކުރަނީ އަވައްޓެރި ގައުމުގެ ބޮޑުބޭބެކަންނޭގެ. އޭނާގެ އަވާގައިޖެހި މިއެންމެންވެގެން ބޭނުންވަނީ ގައުމު ފުނޑާލަން ވެރިކަން ނުލިބުނީމަ

    49
    3
    • ސައްލެ

      ރަގަނޅައް ޔިބުނީ ވަރަށް މަންޒަރު ފެނޭ އެބަ

  7. ޜައްޔިތުމީހާ

    ރައީސުލްޖުމްހޫރިއްޔާ އިންޕީޗްކުރުމުގެ ކަންކަން ރާވާއެކަމުގެ މަސްވަރާތައް ކުރަމުންގެންސަނީ އަވައްޓެރި ގައުމެއްގަ އެމީހުންގެ ސްޕޮންސަރްސިޕް ގެ ދަށުން

    44
    1
  8. އަހުމަދު

    ތި ރީނދޫ ގެރިތަށް ކުރިޔަށް އޮތް ދައުރު ނުހޮވޭނެތީ އެ ތެޅެނީ.. ވެރިކަން ނުލިބުނަސް މީދެން ބޮޑުވަރު... ތަނެއް ދޮރެއް އުޑެއް ބުޑެއް ނުދަންނަ ގެރިތަކެއް ބަކަރި ކޮއްޓަކަށް ލީމަ ވާގޮތް މި ފެންނަނީ..

    48
    3
  9. ސައިނީސް

    ބޭނުންވަނީ އިންޑިޔާ ހިތްހަމަޖައްސަން ، އެމްޑީޕީއިން އެއްވެސް އޮއްޓަރު ހުރި ވާހަކައެއް ނުދެއްކޭ ، މިކަން ފަށާފިއްޔާ ދެން އެއްވެސް ރައީސަކު ސަލާމަތެއް ނުވާނެ ނޯ ކޮންފިޑެންސްއަކުން .

    43
    5
  10. ވިކީ

    ޕާޓީގަ މެމްބަރުން ތިބި އަދަދަކުން ނޫން ތިކަން ކުރާނީ! މިލިޔަނުން ފައިސާ އަޅާލީމަ ދެން ކީއްކުރާނީ! ނުވިކޭނެ އެއްގޮލާވެސް ތިތާކު ނުހުންނާނެ!

    32
    2
  11. މަލީ

    ނުކިޔަވާ ހުރި ޖާހިލަކު މިފަދަ ޒަމާނުގައި އެމްޑީޕީން 5 އަހަރު ވެރިަކމުގައި ބެހެއްޓުމުން މިޤައުމުގެ ކަންކަން މިއޮތީ 50 އަހަރަށް ފަހަތަށް ގޮސްފަ. ޑރ މުޢިއްޒު ފަދަ ޤާބިލް މީހުން ނުބަހައްޓަން އެއުޅެނީ ޤައުމަށް މިމީހުންނަށް ނުކުރެވުނު ކަންކަން އަލުން ކޮށްފާނެތީ. ބުރިޖުވެސް އަޑިއަށް އެޅީ. ހޭބަލިނުވޭ. ޑރ ޝަހީމަކީ މުޅި އޭސިޔާ ސަރަޙައްދުންވެސް ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިއަކަށް ވީއިރުވެސް މިބައިގަނޑަކަށް ކަމަކުނުދޭ. ކީކޭ ބުނާނީ.

    35
    3
  12. ވަޡަން

    ކީއްވެ މިހާރު ހުރި ވެރިޔާ ގާނޫނާ ޙިލާފު ނުވެޔޭ ބުނަނީ، ރަތްޔިތުންގެ މަޖީލީހައް ގޮންޖައްސަވާ ތިމާބޭނުންގޮތަކައް ކަން އެކުރަނީ، ތިކިޔާ ފުށިދިއްގަރު ފަޅު ކަންތަކައް މިވަގުތައް ބަޖެޓްގަ ނުހިމެނީމަ އަހަރެމެންގެ ބިން ބިލިޔަން ރުފިޔާއައް ވިއްކާލާފަ އެކަންކުަރަން ހިފާލީ، ދެން އެމީހުންނައް ރުހުން ނުދޭން ފެނުނު ވަޒީރުން އަނެއްކާ އައްޔަން ކުރީ، މި ހާރު ގާނޫނާ ޙިލާފު ނުވޭތޯ، ބަހާ އަމަލާ ދިމާނުވޭ، އަމާނާތްތެރި އެއްނޫން، ނުމޮށޭގުރާ ބާރައް ދައިގަންނަ ވައްތަރު

    8
    27
    • އަލިހާޖީ

      ބުރާންޗެއްތަ؟ ތި ކިޔާ އެއްވެސް ކަމަކީ ގާނޫނުން މަނާ ކަމެއް ނޫން. ކަލޭ ހިތް ހަމަ ނުޖެހޭ ކަންކަމަކީ ގާނޫނީ މަނާ ކަންކަންތަ؟ ކަލޭތީ ގާނޫނު އަސާސީތަ؟

  13. ހުސެންބެ

    އެއީއެނޫން ވާގޮތަކީ މަޖިލިސް އިންތިޚާބުނިމުނީމަ ގާނޫނާޚިލާފަކޮއްފަހުރި ކަންތައްތަ ބަލާނެ ތީބިރުގަންނަނީ ކިތަން މެބިރެއްގަތަސް ގާނޫނުއަރާހަމަކުރާނެ

    26
    2
  14. މަޖިލިސްމީހާ

    ބަލަގަ! ކަރުހިއްކައިގެންއުޅޭ اسلم ސާހިބައް ރައީސްކަމުގެެ ގޮނޑީގައި އެއްމެދުވަހަކަށްވެސް އިނދެވޭގޮތް ވުމުން ހުރިހާ ގަޑުބަޑެއް ނިމުނީ! އެއިރުންް وعد ވެސްދް ފުދުނީ! އެދުންވެސް ފުދުނ! މައްސަލަވެސް ނިމުނީ! خلاص!

    11
  15. ދުރުމި

    ސްޓޭ އޮފް އެމެޖެންސ ހިންގާ މަޖްލި އުވާލާ

    10
    1
  16. ބޮރޭ

    މިގައުމުގަ 5 އަހަރުވެރިކަން ކޮށްނިއްމާލީ ތަންދޮރުނުދަންނަ ވެރިއެއް އޭނައަށް ވަންތައުޒަންވަންހަންޑުރެޑުވެސް އިނގިރޭސިން ކިޔަންއުޅެގެން ކިއުނީ ވަންތަންގަނޑު ވަންހަންގަނޑު މިފަދަ ނާގާބިލު ޗޯރެއް މިގައުމުގަ އަގައިން ބަހެއްނުކިޔަ ވެރިކަންކޮށް ނިންމާލީ ގާނޫނާެި

    5
    1
  17. ޚޚޯާޚ

    މަޖިލީސް މެމްބަރުން ވަކިކުރެވެޭ ގާނޫނެެއް ހަދާ ފުރަތަމަ. ރާޖޭގެ ހަލާކު ކަމެއް ވާބައެއް ނޫން. އަމިއްލަޔަށް މުސާ އިނާޔައް ކަޑަ އަޅާ ބަައެއް

    11
  18. ަސދަދ

    މަޖިލީސް މެމްބަރުން ވަކިކުރެވެޭ ގާނޫނެެއް ހަދާ ފުރަތަމަ. ރާޖޭގެ ހަލާކު ކަމެއް ވާބައެއް ނޫން. އަމިއްލަޔަށް މުސާ އިނާޔައް ކަޑަ އަޅާ ބަައެއް

  19. އަމާޑިމޮކްރަސީ

    ތިކަން ވަރަށް ރީއްޗަށް ފަނިވާނެ ތީކީ ރައިސް ވަކިކުރަން ބޭނުންވެގެން ކުރަން އުޅޭކަމެންނޫން ދައުރު ނިމުމުގެ ކުރިން ލާރިކޮޅެއް ހޯދަން ކުރާކަމެެއް އެކަމަކު އެންމެންނަކަށް ދޭކަށް ނުޖެހޭނެދޯ ހައެއްކަ ގޮލާ ގަތީމަ ތިކަން ނިމޭނެ އޭރުން ދެންތިބި މީހުން އެމީހުންނަށް ނުލިބި ހައެއްކަ ގޮލަޔަށް ލިބޭކަށް ބޭނުމެއްނުވާނެ އެހެންވީމަ އެހިސާބުން މައްސަލަ އޮއްބާލާނީ

  20. އަކުރަމް

    މި ކިޔާލީމަ އެގިއްޖެ އެއްކަމެއް، އެއީ ނަޝީދު ވެރިކަމުން ދުރުކުރަން އޭރު މަޖުލިސްޖެހޭނެކަން، ދީނާ ހިލާފުވި ބޮޑަތި އެތައްކަމެއް ފުނުނު. މަޖިލިސް އޭރު ނުކުޅެދިފަ އޮތުމުން ރައްޔިތުން ނިކުމެ ނަޝީދައް އެދިނީ ހަމަ ދޭންޖެހޭ ޕުރެޝަރެއްކަން. އެޕުރެޝަރުގަކަން ނަޝީދު އިސްތިއުފާދިނީ. މިއޮއްހާދުވަހު ނަޝީދުގެ ވެރިން ނިންމުން ސިފައިންނާއި ފުލުހުގެ ބޮލުގަ އަޅުވައި ފާޑުފާޑު ނަމުން ރައްޔިތުން ލައްވާ ގޮވުވީވެސް އެމްޑީޕީއަޑީގަ އޮވެ ޖަހަމު ނުވެގެންކަން. ޝުކުރިއްޔާ!

    8
    0
  21. ޙޮބޭ

    އަވަހަށް ވަކިކުރޭ!

  22. ވިސްނާ

    އެމްޑީޕީ ވެރިކަމުގައި ހިންގި ހުރިހައި ޖަރީމާއެއްގެ ލިޔެކިއުން ވަނީ ކޮންކްރީޓް މެޝިނުގައި ނައްތާލާފައި. ދިވެހިން ހަނދާންކުރަންޖެހޭ އެތަކެއް ޖަރީމާ ހިންގާފައި އެބަހުރި. އެމްޑީޕީން ހިންގި ޖަރީމާތަށް ބަލާނަމަ ސަރުކާރަށް އިތުރު ކަމެއް ނުކުރެވޭނެ. ރައްޔިތުން ކުރަންވީ ކަމަކީ އެމީހުންނަށް ވެރިކަމާއި ކައިރިއަށް ނާދެވޭގޮތް ހަދަންވީ. ވޯޓުން ނޫނެކޭ ބުނަންވީ.