ފުޓުބޯޅަ އާއިލާގެ މެޖޯރިޓީ އޮތީ އެފްއޭއެމްއާއެކުގައި، ބަދަހިކޮށް ކަމަށާއި، ވޯޓު ނަގަން އުޅުނީ ވަކި ބަޔަކު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

ބައްސާމް އެފަދަ ގޮތަކަށް ވިދާޅުވީ މިއަދު އެފްއޭއެމްގައި ބޭއްވި ޕްރެސްގައެވެ. އެ ޕްރެސްގައި ފުރަތަމަ ޑިވިޝަންގައި މިހާރު އޮތް ހަތް ކްލަބުގެ ތެރެއިން ފަސް ކްލަބަކުންވެސް ބައިވެރިވެ، އެފްއޭއެމްއާއެކު ތިބިކަން ވަނީ ދައްކާލާފައެވެ.

އެފްއޭއެމްއިން އެފަދަ ގޮތަކަށް ޕްރެސްއެއް ބާއްވާފައި ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުން، ގިނަ ކްލަބުތަކެއްގެ ސޮއިއާއެކު އެފްއޭއެމް ބަދަލުކުރަން ހުށަހެޅުމާއެކު، މީޑިއާތަކުގައި އެވާހަތައް ގިނެވެފައި ވަނިކޮށެވެ. ވިކްޓަރީން ބުނެފައި އޮތީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް 19 ކްލަބެއްގެ ސޮއި ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެފްއޭއެމްއިން ބުނެފައި ވަނީ ވިކްޓަރީން އެކަމުގައި އޮޅުވާލައިފައިވާ ކަމަށާއި، އެސޯސިއޭޝަނަށް ހުށަހެޅި ސިޓީގައި ސޮއިކޮށްފައި ވަނީ 15 ކްލަބު ކަމަށެވެ. އަދި އެ 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓަކީ އެފްއޭއެމްއިން މުސާރައިގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައިވާ ކްލަަބަކަށްވުމުން ސޮއި ބަލައި ނުގަނެވޭނެ ކަމަށާއި، އޭގެ އިތުރުން ކްލަބު ރޮކް ސްޓްރީޓާއި ށ. ފޯކައިދުއަކީ އެފްއޭއެމްގެ މެމްބާޝިޕް ލިބިފައިނުވާ ކްލަބުތައް ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

އަދި އޭގެ ފަހުން ބައެއް ކްލަބުތަކުން އެ ސިޓީން ސޮއި ނެގި އިރު، މިއަދުގެ ޕްރެސްގައި އެ ކްލަބުތަކުންވެސް ބައިވެރިވިއެވެ. މިއަދުގެ ޕްރެސްގައި އެފްއޭއެމްއާއެކު ބައިވެރިވީ ޔުނައިޓެޑް ވިކްޓަރީ، ކްލަބު އީގަލްސް، ދަ ގްރާންޑޭ، މާޒިޔާގެ އިތުރުން ގްރީން ސްޓްރީޓްސްއެވެ.

"ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމްއާއެކު ކްލަބުތައް އޮތީ. އެފްއޭއެމްއަކީވެސް އެންމެ ޕާފެކްޓް ތަނަކަށްވެސް ނުވެދާނެ. ކޮންމެވެސް ވަރެއްގެ ޝަކުވާތަކެއް އައިސްފައި ހުރީ. އެކަމަކު މަޝްވަރާކޮށްގެން އެކަކަން ހައްލު ކުރުމަށް މަސައްކަތް ކޮށް، މަޝްވަރާވެސް ކޮށްފައި ވާނީ. ކްލަބުތަކުން ބޭނުން ވަނީ ފުޓުބޯޅައިގެ ކުރިއެރުމަށް، މިހާރު މި ދެކެވޭ ވާހަކަތަކުން ނެއްޓި ކުރިއަށް ސީޒަނަށް ތައްޔާރުވާން،" ބައްސާމް ވިދާޅުވިއެވެ.

ކްލަބުތަކުން ސޮއިކުރުމަށްފަހު ނަން ނެގީ ކީއްވެތޯ ސުވާލުކުރުމުން ބައްސާމް ވިދާޅުވީ، ސޮއިކުރުމުގައި އެހެން ކަހަލަ ކަންތައްތަކެއް ހުރި ކަމަށާއި، ކްލަބުތަކުން އެފްއޭއެމްއާ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

"ސޮއި ކުރުމުގެ ކަންތައްތައް ދިޔަ އިރު، އޭގެ ތެރެގައި އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް. ދެން މިވާހަކަތައް އެހާ ތިލަކުރަންވެސް ބޭނުމެއް ނުވޭ. އެކަމަކު މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކްލަބުތަކާ އަޅުގަނޑުމެންވާނީ މަޝްވަރާ ކޮށްފައި. އަދި ޝަކުވާތައް އަޑުއަހާ ކްލަބުތަކުން ފުޓުބޯޅަ އައިގެން ކުރިއަށްދާން ރާވާފައިވާ ގޮތްވެސް ވާނީ ނިންމާފައި. ގިނަ ކްލަބުތަކުގެ ކޮންސާނެއް ނެތް. ސޮއިކުރުމުގެ ކަންކަން ދިޔައީ އެހެން ގޮތަކަށް. މެނޭޖުމަންޓް ބަދަލުކުރަން ކްލަބުތައް ބޭނުމެއް ނުވޭ. ގޯސްކޮށް ހުރި ކުދިކުދި ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ގަބޫލުކުރަން. މަޝްވަރާއަށް ހިތްވަރު ދޭނަން އަބަދުވެސް،" ބައްސާމް ފާހަގަކުރެއްވިއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ލީޑާޝިޕަށް އަންނަ ބޭނުންވާ ބަޔަކު ތިބިނަމަ، އަންނަ އަހަރު އޮންނަ އިންތިހާބުގައި ވާދަކުރައްވަންވީ ކަމަށާއި، ކްލަބުތައް ގަބޫލުކުރާ ޕްލޭނެއް ހިފައިގެން އައިސް، އެ އިންތިހާބަށް މަސައްކަތް ކުރަންވީ ކަމަށެވެ. އެހެން ނަމަވެސް މި ދަނޑިވަޅުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެެސްއަކަށް ދިޔުނަށް ވިކްޓަރީގެ ސިޓީގައި ވާނަމަވެސް، އެއީ އުސޫލުން ބޭރު ކަމަކަށްވާތީ އެކަން ނުކުރާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހާށޭ

    މީ ދޯ މީޓިންގް އައިސް ތި ބޭގޮތަކީ، އެތިބީ ތިިސިފަ ޖިންސްލާފައި ބޯދިގުކޯށް ޕާޓޭ ސިސްތަމަށް. ޓީމެއްގެ ވެރިއެއްގެ ފާޑު ނުޖަހާ. އަހުލާގުގޮތެއނޭންގޭ

  2. މައުރީން

    ބައްސާމް! ކަލެޔާ އެއްކޮށް ތިބީ ކަލެ އަންހެނުންނާ ކައެގެ އާއިލާ އެކަނި. ދެން އިތުރު އެކަކުވެސް ނެތް. ހުދު! ސަރުކާރުވެސް ކައެއާ ދެކޮޅު. އަވަހައް އިސްތިއުފާ ދީފަ ރައްކާވާން އުޅޭ.