ރޭ ކުޅުނު އެކުވެރިކަމުގެ މެޗުން ފްރާންސް ބަލިވިއިރު، ޖެސީ ލިންގާޑްގެ ގޯލުން އިންގްލޭންޑް މޮޅުވެއްޖެއެވެ.

ވޯލްޑްކަޕްގެ "ފެވަރިޓުން" ގެ ގޮތުގައި ބެލެވިފައިވާ ފްރާންސް ރޭ ބަލިވީ ކޮލަމްބިޔާ އާއި ބައްދަލުކޮށް 2-3 އިންނެވެ.

ފްރާންސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި އޮލިވިއޭ ޖިރޫ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މިއީ ޖިރޫ ފްރާންސްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 30 ވަނަ ގޯލެވެ. އަދި މެޗުގެ 26 ވަނަ މިނެޓްގައި ތޯމަސް ލެމާ ވަނީ ފްރާންސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ނަމަވެސް އޭގެ ދެ މިނެޓްފަހުން ލުއިސް މުރިއެލް ވަނީ ކޮލަމްބިޔާ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި ނަތީޖާ އެއްވަރުކޮށްލަން ދެވަނަ ހާފްގެ ކުރީކޮޅު މުރިއެލް އަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރުމަށް ކޮލަމްބިޔާ އިން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަމޭސް ރޮޑްރިގޭޒް ދިން ޕާހަކުން މެޗުގެ 62 ވަނަ މިނެޓްގައި ރަޑަމެލް ފަލްކާއޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ކޮލަމްބިޔާ މޮޅުވި ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ކުއިންޓެރޯއެވެ.

ކޮލަމްބިޔާ ރޭ މޮޅުވިއިރު މިއީ ފްރާންސްގެ މައްޗަށް އެޓީމަށް ކުރި ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އިންގްލޭންޑް ރޭ މޮޅުވީ ރަށުން ބޭރުގައި ނެދަލޭންޑްސް އާއި ބައްދަލުކޮށް 0-1 އިންނެވެ. އިންގްލޭންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ހަމައެކަނި ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިންގާޑްއެވެ. މިއީ އިންގްލޭންޑްގެ ގައުމީ ޓީމަށް ލިންގާޑް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މީގެއިތުރުން ވެސް މި މެޗުގައި އިންގްލޭންޑްގެ ކުރީގައި ހަރަކާތްތެރިވާ ރަޝްފޯޑް އާއި ސްޓާލިން މެންފަދަ ކުޅުންތެރިން ވަނީ ނެދަލޭންޑްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

އެކުވެރިކަމުގެ އިތުރު މެޗެއް އަންނަ އަންގާރަ ދުވަހުގެރޭ ވެސް އިންގްލޭންޑުން ކުޅޭނެއެވެ. އެ މެޗުގައި އެޓީމު ބައްދަލުކުރާނީ އިޓަލީއާއެވެ.