މިދިޔަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އަލީ ފާސިރު (ސެންޓޭ)، އޭނާގެ ފުރަތަމަ ކްލަބު އީގަލްސްއަށް ސޮއިކޮށްފިއެވެ.

ސެންޓޭއަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ރަން ބޫޓުވެސް ހާސިލް ކޮށްފައިވާ، ތަޖުރިބާކާރު ފޯވަޑެކެވެ. ގައުމީ ޓީމުގައިވެސް މުހިއްމު ރޯލެއް ކުޅެފައިވާ ސެންޓޭއަކީ މިދިޔަ އަހަރު ނިއުގެ ވައިސް ކެޕްޓަންވެސް މެއެވެ. ކެރިއަރުގެ ބޮޑުބައެއް ނިއުގައި ސެންޓޭ ހޭދަކުރި އިރު، އެފްއޭއެމްގެ ސަސްޕެންޝަންގެ ސަބަބުން މިއަހަރުގެ ސީޒަންގައި ނިއު ފެންނާނެ ކަމަކަށް ނުބެލެވެއެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެފްއޭއެމްއިން ނިއު ސަސްޕެންޑް ކޮށްފައި ވަނީ އެތައް ކުޅުންތެރިންނަކަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުގެ ސަބަބުންނެވެ.

ބ. އޭދަފުއްޓަށް އުފަން ސެންޓޭ، ފުރަތަމަ ޑިވިޝަނަށް ގެނެސްދިން ޓީމަކީ އީގަލްސްއެވެ. 2006 ވަނަ އަހަރު އީގަލްސްއިން އޭދަފުށީގައި ކުރި ކޭމްޕަކުން ސެންޓޭ ފާހަގަކޮށްލެވުނު އިރު، އޭނާއަށް ވަނީ އެ އަހަރު އީގަލްސްއިން ކޮންޓްރެކްޓް ހުށަހަޅާފައެވެ. އޭގެފަހުން އޯލް ޔޫތު ލިންކޭޖާއި، ވެލެންސިއާއި ވިކްޓަރީއަށްވެސް ސެންޓޭ ކުޅުނު އިރު، އޭނާ ދެ ފަހަރެއްގެ މަތިން ނިއުއަށް ކުޅެފައެވެ.

ގައުމީ ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކުރާ ސެންޓޭ، 2014 ވަނަ އަހަރު ގައުމީ ޓީމާއެކު އޭއެފްސީ ޗެލެންޖު ކަޕްގެ ރިހި މެޑަލް ހޯދި އިރު، މިދިޔަ އަހަރު އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލްވެސް އަޅާލާފައެވެ. ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް ގޯލްވެސް ޖެހި ސެންޓޭ ވަނީ 23 އަހަރު ދަށުގައިވެސް ގައުމީ ޖާޒީގައި ކުޅެފައެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސެންޓޭއާއެކު އީގަލްސް ވަރުގަދަ ވެގެންދިޔަ އިރު، އީގަލްސްއަކީ އަބަދުވެސް ރީތި، ޕާސިން ފުޓުބޯޅައެއް ކުޅޭ ޓީމެވެ. މިދިޔަ ސީޒަންގައިވެސް އެޓީމުން ތަފާތު ހުނަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުގެ ޒުވާން ކުޅުންތެރިންނަކީ އަބަދުވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެކެވެ. ހަސަން ރާއިފް (ހަންނަ)އާއި އަހުމަދު ރިޒުވާން (ރިޒޭ) އަދި މުހައްމަދު ނާއިމް ފަދަ ކުޅުންތެރިން މިފަހަރުވެސް އީގަލްސްއިން ފެނިގެންދާ އިރު، އެޓީމުން ވަނީ ކުރީގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ވެސް އަނބުރާ ގެނެސްފައެވެ.

އޭގެ އިތުރުން އުއްމީދީ ފުލްބެކް ހިސާމް ސަލީމް (ކޮކީ)ގެ ސޮއިވެސް ހޯދާފައިވާ އިރު، ޓީމުގެ ކެޕްޓަން ބޭންޑްގައި ނުކުންނާނީ އެޓީމަށް އެތައް އަހަރަކު ކުޅެފައިވާ ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.