ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް، ރެއާލް މެޑްރިޑް ދޫކޮށްދާން އުޅޭ ކަމުގެ ވާހަކަތަކަށް އޭނާ ޖަވާބު ދީފިއެވެ.

ރާމޯސްއަށް ޗައިނާ ކްލަބަކުން ހާއްސަ އޮފާއެއް ލިބިފައިވާ ކަމަށާއި، ރާމޯސް ބޭނުން ވަނީ ހިލޭ އެ ކްލަބަށް ދިޔުމަށްކަމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފައިވެއެވެ. އަދި ބައެއް މީޑިއާތަކުން ބުނެފައި ވަނީ ރާމޯސް އެވާހަތައް ދައްކަނީ ބޮޑު މުސާރައެއް ހޯދަން ކަމަށާއި، ރާމޯސް ކޮންޓްރެކްޓް އާކުރަން ބޭނުންވާ ކަމަށެވެ.

އެހެން ނަމަވެސް، ރާމޯސް އިއްޔެ ވަނީ އެ ހުރިހާ ކަމަކަށް ޖަވާބު ދީފައެވެ.

"އަހަރެން ބުނާނީ ތެދަށް. ޗައިނާއިން އަހަންނަށް ހުށަހެޅުމެއް އައިސްފައިވޭ. އެކަމަށް ދޮގެއް ނުހަދާނަން. އެކަމަކު އަހަރެން އަބަދުވެސް ދެކެމުންދާ ހުވަފެނަކީ ރެއާލްގައި ރިޓަޔާ ކުރުން،" ރާމޯސް ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ ރާމޯސް، 2005 ވަނަ އަހަރުން ފެށިގެން ކުޅެމުންދަނީ ރެއާލްގައެވެ. އޭނާ ރެއާލްއާއެކު ވެފައިވާ ކޮންޓްރެކްޓް މުއްދަތު ހަމަވާނީ 2021 ވަނަ އަހަރަށެވެ. ރާމޯސް ބުނެފައި ވަނީ އެއްވެސް އިރެއްގައި ޗައިނާއަށް ދާން އޭނާ ބޭނުން ނުވާ ކަމަށާއި، ރެއާލްގެ ރައީސް ކައިރިއަށް އޭނާ ދިޔައީ ކަންކަން ސާފުކޮށްލަން ކަމަށެވެ. އަދި ރެއާލްއާ ވާދަކުރާނެ އެއްވެސް ޓީމަކަށް، ދުވަހަކުވެސް އޭނާ ނުދާނެ ކަމަށް ބުނެފައިވާނެ ކަމަށާއި، ރެއާލް ދޫކޮށްލާނެ ހަމައެކަނި ގޮތަކީވެސް އޭނަގެ ފިޓްނެސް މާ ބޮޑަށް ދަށްވެއްޖެ ނަމަ ކަމަށް ރާމޯސް ބުނެފައިވެއެވެ.

ރާމޯސް ބުނެފައި ވަނީ ރެއާލްއާއެކު އޭނާ ވެފައިވާ ކޮންޓްރެކްޓްވެސް އާކުރަން ބޭނުން ނުވާ ކަމަށާއި، ޗައިނާއަށް ދާ ވާހަކަ ދެއްކީ ކޮންޓްރެކްޓް އާކުރަން ކަމަށް ބައެއް މީހުންނަށް ހީވި ކަމަށެވެ.

ރެއާލްއާއެކު ރާމޯސް ހޭދަކުރި 14 އަހަރު ތެރޭގައި އޭނާ ވަނީ 20 ތަށި ހޯދާފައެވެ. ރެއާލްގެ މި ސީޒަނަށް ދަށްކޮށް ނިމިފައިވާ އިރު، ސަޕޯޓަރުން ވަނީ ރެއާލްއާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.