ރާއްޖޭގެ މޫދު ކުޅިވަރު ކުރިއަރުވާ ތަރައްގީ ކުރުމުގެ ގޮތުން ފަސް ރަށެއްގައި ސާފް ޕޮއިންޓްތައް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނ. ޅޮހި، މ. މުލި، ލ. މާބައިދޫ، ގދ. ވާދޫ، ގދ. ގައްދޫ އަދި ފުއައްމުލަކުގައިވެސް ސާފިން ސްޕޮޓްތައް ގާއިމް ކުރަން ނިންމާފައިވާ ކަމަށާއި، އެކަން ކުރިއަށް ގެންދާނީ ސާފިން އެސޯސިއޭޝަނާ ގުޅިގެން ކަމަށެވެ. މަހުލޫފް ވިދާޅުވެފައި ވަނީ ސާފިންއަކީ މިހާތަނަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ގެނެސްދީފައިވާ ކުޅިވަރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބީތައް އަންނާނެ ކުޅިވަރެއް ކަމަށެވެ.

މަހުލޫފު މިއަދު އިއުލާން ކުރެއްވި ރަށްތަކަކީ މިހާރުވެސް ރާޅާ އެޅުމާއި މޫދު ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ހިންގަމުން އަންނަ ރަށްރަށެކެވެ. ހާއްސަކޮށް އެ ރަށްރަށަކީ ސާފިންގެ ދާއިރާއަށް ޒުވާން ކުދިން ނުކުތުމުގައި މުހިއްމު ރޯލެއް އަދާކުރާ ރަށް ރަށެވެ.

މޫދު ކުޅިވަރުން ރާއްޖެއައަށް މުހިއްމު ކާމިޔާބީތަކެއް މިހާރުވެސް ގެނެވިފައިވާ އިރު، މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރާއްޖެއިން ސާފިން އިވެންޓްގައި ވާދަކުރާނެއެވެ. އެ އިވެންޓުން މެޑަލްއަކާ ދޭތެރޭގައިވެސް އުންމީދު ބޮޑެވެ.