މާޗް މަހުގެ 26ން 29ށް ހދ. ކުޅުދުއްފުށީގައި ބޭއްވުނު މަކިޓާ އެޓޯލް ޖޫނިއާ އެތްލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ފިރިހެން ޓީމުގެ މަގާމް ތިނަދޫގެ ރައުހަތު ސްޕޯޓްސް އެކަޑަމީ އިން ހޯދައިފިއެވެ.
ތިން އުމުރު ފުރާ އަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ރައުހަތު ސްޕޯޓްސް އެކަޑަމީ އިން ލިބިގަތްފައި ވާއިރު އެ ޓީމަށް ޖުމްލަ 6 ޓްރޮފީއެއް ވަނީ ލިބިފައެވެ. އެއީ:
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ އެންމެ ކާމިޔާބު ޓީމް
15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓް (ރާފިލް ވާފިރް)
17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ އެންމެ ކާމިޔާބު ޓީމް
17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓް (ސުޒައިން މުހައްމަދު)
މުބާރާތުގެ އެންމެ ކާމިޔާބު ފިރިހެން އެތްލީޓް (ސުޒައިން މުހައްމަދު)
މުބާރާތުގެ އެންމެ ކާމިޔާބު ފިރިހެން ޓީމް
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކަށާއި އެސޯސިއޭޝަންގެ ކްލަބް ޖަމިއްޔާ ތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި 20 ޓީމަކުން އެތައް ސަތޭކަ އެތްލީޓުންތަކެއް ބައިވެރިވެފައި ވާއިރު، މި މުބާރާތުގެ އަންހެން ކުދިންގެ އެންމެ ކާމިޔާބު ޓީމަކަށް ހޮވިފައި ވަނީ ކްލަބް ރައިވެރިޔާ އެވެ.
ހިލޭ ސާބަހަށް ޒުވާނުން ތަމްރީން ކޮށްދެމުން އަންނަ ކްލަބެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ރައުހަތު ސްޕޯޓްސް އެކަޑަމީ އިން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް އެ ކްލަބުން އެތްލީޓުން ތަމްރީން ކޮށްދޭނީ އެއްވެސް އަގަކާއި ނުލައެވެ.
ށ. މިލަންދޫގައި ބާއްވަން ހަމަޖެހިފައި އޮތް މި މުބާރާތް، ޓެކްނިކަލް ސަބަބުތަކަކާއި ހުރެ އެންމެ ފަހު ވަގުތު ކުށުދުއްފުށީގައި ބާއްވާފައި ވާއިރު، މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޖޫނިއާ އެތްލެޓިކްސް މުބާރާތްކަން ފާހަގަ ކޮށްލެވެއެވެ. ކުރީ އަހަރު ތަކެކޭވެސް އެއްފަދައިން މި އަހަރުވެސް މި މުބާރާތުން އެތައް ހުނަރުވެރި އެތްލީޓުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ.