އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އަތުން 1-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ދެވަނަ ހާފުގައި ބޭލުމުން އޭނާ މެޗު ނުނިމެނީސް ސްޓޭޑިއަމުން ނުކުމެގެން ގެޔަށް ދިޔަކަމަށް އިޓަލީގެ މީޑީއާ ތަކުންވަނީ ރިޕޯޓްކޮށްފައެވެ.

ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ލޮކޮމޯޓިވް މޮސްކޯ އަތުން 2-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި ވެސް ރޮނާލްޑޯ ބަދަލުކޮށްފަ އެވެ. ސްކައި އިޓާލިއާގައި ރިޕޯޓްކޮށްފައި އޮތް ގޮތުން ޖެހިޖެހިގެން ދެވަނަ މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމާއެކު އޭނާ ޓީމުގެ ބެންޗަށް ދިއުމުގެ ބަދަލުގައި ހިތްހަމަނުޖެހިފައި ހުރެ ދިޔައީ ސީދާ ޗޭންޖިން ރޫމަށެވެ. އަދި ރޮނާލްޑޯ ދަނޑުން ފައިބަމުން އައި ގަޑީގައި ހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާގެ މޫނުމަތިން އެނގުނު ކަމަށާއި އޭނާ ވަނީ ޗޭންޖިން ރޫމަށް ދަމުން ސާރީއާ ދިމާލަށް ރުޅިވެރިކަމުގެ އިޝާރާތެއް ކޮށްފައި ކަމަށެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ސާރީ ބުނީ ރޮނާލްޑޯ ސްޓޭޑިއަމް ދޫކޮށް ދިޔަކަން އޭނާއަށް ނޭނގޭ ކަމަށާއި އެކަން އެގޮތަށް ކުރި ނަމަ އެއީ މައްސަލައެއް ކަމަށެވެ. އެނާގެ ޓީމުގެ ކުޅުންތެރިންނާ ގުޅިގެން އެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ އެގޮތަށް ދިއުމުން އެ ކުޑަކޮށްލެވެނީ އެހެން ކުޅުންތެރިންނަށް ކުރާ އިހުތިރާމް ކަމަށްވުމެވެ.

ސާރީ ބުނީ ރޮނާލްޑޯއާ އޭނާއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ރޮނާލްޑޯ ބޭލީ އޭނާ އަށް އަނިޔާވެފައިހުރިކަން ފާހަގަވުމުން ކަމަށެވެ. އަދި ރޮނާލްޑޯ ހުރީ އަނިޔާއާ އެކުވެސް މެޗުގެ ބާކީ ވަގުތުކޮޅުގައި ކުޅެން ތައްޔާރަށް ކަމަށާއި އެވަރަށް ކުޅެން ބޭނުންވެފައިހުރި ގަޑިއެއްގައި ދަނޑުން ފައިބަން ޖެހުމުން ކޮންމެ ކުޅުންތެރިއަކުވެސް ހިތްހަމަނުޖެހޭނެ ކަމަށެވެ.

"މުހިއްމު ކަމަކީ މެޗު ކުޅެން އޭނާ ތައްޔާރަށް ހުރިކަން. މެޗުން ފައިބަން ޖެހުމުން ކުޅުންތެރިޔާ ހިތްހަމަނުޖެހުމަކީ އާދައިގެ ކަމެއް، ހާއްސަކޮށް ދަނޑުމަތީގައި ހުންނަން އެވަރަށް މަސައްކަތްކޮށްފައިވަނިކޮށް އެހެންވެއްޖެ ނަމަ. ރޮނާލްޑޯ ވަރަށް މަސަތްކަތްކުރި ކުޅެން. އެކަމަކު އަހަންނަށް ފާހަގަވި އޭނާ އަށް ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ވަމުން ދިޔަ މަންޒަރު، އެހެންވެ އަހަރެން ހިތައް އެރީ އެންމެ ރަނގަޅުވާނީ އެގަޑީ ރޮނާލްޑޯ ބަދަލުކޮށްގެންނޭ. ކުރިއަށްހުރި މެޗުތަކަށް ވިސްނާފަ އަހަރެން އެ ނިންމުން ނެގީ،“ ސާރީ ބުންޏެވެ.

ރޭގެ މެޗުން ޔުވެންޓަސް މޮޅުވި ނަމަވެސް މެޗުގައި އެޓީމުގެ އަސްލު ފެންވަރުގައި ކުޅެވިފައެއްނުވެ އެވެ. ހާއްސަގޮތެއްގައި މިލާނުގެ ކުޅުންތެރިންގެ ފަރާތުން މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ޔުވެންޓަސް ސަލާމަތްކޮށްދިނީ އެޓީމުގެ ގޯލްކީޕަރު ޝެޒްނީއެވެ. މިލާނުން މެޗުގެ ބޮޑު ބައެއްގައި ޔުވެންޓަސް އަށް ނުރައްކާކުރި އިރު ޔުވެންޓަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗުގެ 77 ވަނަ މިނެޓުގައި ޕައުލޯ ދިބާލާއެވެ.