އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ބާންލީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ބާންލީގެ ދަނޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-0 އިންނެވެ. މި މޮޅާއެކު ޔުނައިޓެޑް ފަސް ވަނަ އަށް ޖެހިލީ 20 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ބާންލީ އޮތީ 20 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގަ އެވެ.

ޔުނައިޓެޑާއި ބާންލީ ވާދަކުރި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު އަވޭ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓުގަ އެވެ. ބާންލީގެ އޭރިއާ އަރިމަތިން އަންދްރެއާސް ޕެރޭރާ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލުގެ ކަނަށް ތިރިތިރިން ފޮނުވާލައިގެން މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެންތޮނީ މާޝަލް އެވެ.

މާޝަލްގެ ލަނޑުން ކުރީގައި އޮވެ ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލި އިރު އޭގެ ކުރިން އެޓީމުން ވަނީ ބާންލީގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުން މެޗުގެ ކުރީކޮޅު ހިލޭ ޖެހުމަކުން މާކަސް ރަޝްފޯޑް ފޮނުވާލި ބޯޅަ ކީޕަރު ޕޯޕް މަތަކުރި އިރު އޭގެ ފަހުން ޕެރޭރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަޝްފޯޑް ފޮނުވާލި އިތުރު ހަމަލާއެއް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މީގެ އިތުރުން 34 ވަނަ މިނެޓުގައި މާޝަލް ފޮނުވާލި ހަމަލާއެއް ގޯލް ލައިން މަތިން ހެން ބާންލީގެ ބްރަޑްސްލީ ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގެ ކުރީކޮޅު މާޝަލްގެ އިތުރު ހަމަލާއެއް ޕޯޕް މަތަކުރި އިރު 69 ވަނަ މިނެޓުގައި ބާންލީން އުފެއްދި ހަމަލާއެއްގައި ބްރަޑްސްލީ ފޮނުވާލި ބޯޅަ ޑެހެއާ ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ ފަހު ދިހަ ވަރަކަށް މިނެޓުގައި ބާންލީން ތަންކޮޅެއް ކުރިއަށް ޖެހިލައިގެން ކުޅެމުން ދިއުމުގެ ސަބަބުން ޔުނައިޓެޑްގެ ފަހަތަށް ބާރުބޮޑުވެގެން ދިޔަ އެވެ. އެގޮތުން 76 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ގުޑްމަންޑްސަން ފޮނުވާލި ބޯޅަ ގޯލު ދަނޑި ކައިރިން ބޭރަށް ދިޔައިރު ކްރިސް ވުޑް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޑެހެއާއެވެ.

މެޗުގެ ފަހު ކޮޅުގައި ރަނގަޅަށް ކުޅެމުންދިޔަ ބާންލީގެ އުއްމީދުތައް ފެނަށް ދިޔައީ އިތުރު ވަގުތުގައި ޔުނައިޓެޑުން ދެވަނަ ލަނޑު ކާމިޔާބުކުރުމުންނެވެ. ކައުންޓާ ހަމަލާއެއްގައި ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ރަޝްފޯޑެވެ. ރޭގެ މޮޅަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން ޔުނައިޓެޑުން ލީގުގައި ބައިކޮޅަށް ލަނޑެއް ނުވައްދައި މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު