ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އައި ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.

އުމުރުން 22 އަހަރުގެ އައިސަމް މާޒިޔާ އަށް ބަދަލުވީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ އަށް ސޮއިކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ. އައިސަމްގެ ކުރިން މާޒިޔާ އިން ވަނީ އަފްގާނިސްތާނުގެ ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދުގެ ސޮއި ހޯދައިފަ އެވެ.

ޝާރިފް މުހައްމަދަކީ މި ސީޒަނުގައި މާޒިޔާ އިން ގެނައި ތިން ވަނަ ބިދޭސީ ކުޅުންތެރިޔާ އެވެ. އަދި ޝާރިފް އާއެކު މާޒިޔާ ސްކޮޑުގައި އަފްޣާނިސްތާން ގައުމީ ޓީމުގެ ދެ ކުޅުންތެރިން މިހާރު ހިމެނެއެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ސްކޮޑު ވަރުގަދަ ކުރަމުން އަންނަ އިރު އައިސަމް އެ ކްލަބާ ގުޅުމަކީ މާޒިޔާ އަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. ކްލަބް އީގަލްސް އިން ވިދާލި އައިސަމް އައީ އޭރު އީގަލްސްގެ ކޯޗުގެ ގޮތުގައި ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން އުމުރުން އެންމެ 18 އަހަރުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދަމުންނެވެ.

އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ވެސް ހިމެނުނު އައިސަމް ވަނީ އެ ޓީމާ އެކު ޔޫތު މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

އީގަލްސް އަށް 2017 ވަނަ އަހަރުގެ ކުރީކޮޅު ކުޅުމަށް ފަހު އައިސަމް އަލުން ފުރަތަަމަ ޑިވިޝަނުން ފެނުނީ މި ސީޒަނުގައި ޓީސީންނެވެ. ޓީސީ ޖާޒީގައި ތަފާތު މޮޅު ކުޅުމެއް ދައްކައި އައިސަމް ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދައިފަ އެވެ.

އައިސަމް އެންމެ ފުރަތަމަ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިންމޮޅުވި މެޗުގަ އެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކުގެ އިތުރުން މިދިޔަ މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ޒުވާން ގައުމީ ޓީމުގައި ވެސް އައިސަމް ހިމެނުނުކަން ފާހަގަކޮށްލެވެ އެވެ.

މާޒިޔާ މި ވަގުތު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމުން ވަނީ 16 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ.