ފަސޭހަކަމާއެކު ރޯމާ ބަލިކޮށް ޔުވެންޓަސް އިން ކޮޕާ އިޓާލިއާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ރޯމާގެ މައްޗަށް ޔުވެންޓަސް އިން ކުރިހޯދީ 3-1 އިންނެވެ. މެޗުގައި ޔުވެންޓަސް އިން ޖެހި ތިން ލަނޑު ވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ގޮންޒާލޯ ހިގުއެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ޔުވެންޓަސް ޖާޒީގައި ރޮނާލްޑޯ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ހަތް ވަނަ ލަނޑެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ ދިން ބޯޅައަކުން ރޮޑްރީގޯ ބެންޓަންކާ ޔުވެންޓަސްގެ ލީޑު ފުޅާކޮށްދިން އިރު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކޮސްޓާ އުފެއްދި އިތުރު ފުރުސަތެއްގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ލިއޮނާޑޯ ބޮނޫޗީ އެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލީޑު ފުޅާކުރަން ޔުވެންޓަސް އަށް ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ހިގުއެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ދެ މިނެޓު ފަހުން ހިގުއެން އަތުން ބައިކޮޅަށް ވަން ލަނޑުން ފަރަގު ކުޑަވެގެންދިޔަ ނަމަވެސް އެޓީމުގެ ގޯލު ދެވަނަ ފަހަރަށް ފޫއަޅުވާމުގެ ފުރުސަތު ރޯމާ އަށް ޔުވެންޓަސް އިން ދީފައިނުވެއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ޔުވެންޓަސް ވާދަކުރާނީ އޭސީ މިލާން އާއި ޓޮރީނޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިލާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗު އޮންނާނީ މިރޭ އެވެ.