ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބުން ކުރިހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 އިންނެވެ. މި މޮޅާއެކު އެއް މެޗު އިތުރަށް ކުޅޭ ޓީސީ ވަނީ ލީގުގެ ދެ ވަނަ މަގާމަށް ޖެހިލާފަ އެވެ. އެޓީމަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އީގަލްސް އަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.

ލީގުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އަލުން ދެވަނަ އަށް އެރުމުގެ ފުރުސަތު އީގަލްސް އަށް އެބައޮތެވެ. ލީގުގެ އެއް ވަނައިގައި 50 ޕޮއިންޓާއެކު އޮތީ މިދިޔަ އާދިއްތަ ދުވަހު ޗެމްޕިއަންކަން ކަށަވަރުކުރި މާޒިޔާ އެވެ. ރޭގެ މެޗުން ބަލިވި ފޯކައިދޫ ތާވަލުގެ ހަވަނައިގައި އޮތީ 20 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި ފޯކައިދޫ ކޮޅަށް ޓީސީން ޖެހި ފުރަތަމަ ދެ ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. 16 ވަނަ މިނެޓުގައި ޓީސީން އުފެއްދި ހަމަލާއެއްގައި ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން ސައްޓު އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު ދެވަނަ ލަނޑު ޖެހީ 33 ވަނަ މިނެޓުގައި އިސްމާއީލް އީސާ (މެސީ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ތިރިތިރިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދިވެހި ލީގުގެ ދެވަނަ ބުރުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުން އަންނަ ސައްޓު ވަނީ މިހާތަނަށް ލީގުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ.

ޓީސީގެ ފަހު ދެ ލަނޑު ޖެހީ އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. 68 ވަނަ މިނެޓުގައި ދަގަނޑޭ ފުރަތަމަ ލަނޑު ޖެހީ އަބްދުލް ވާހިދު އިބްރާހީމް (ވާޑު) ނަގައިދިން ހުރަހަކުން ބޮލުންނެވެ. ޓީސީގެ ހަތަރު ވަނަ ގޯލު ދަގަނޑޭ ޖެހީ މެޗު ނިމެން އަށް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. ރޭގެ ދެ ލަނޑާއެކު މިސީޒަނުގައި ދަގަނޑޭ ކާމިޔާބުކޮށްފައިވާ ލަނޑުގެ އަދަދު ވަނީ 18 އަށް އަރައިފައެވެ. ލަނޑު ލިސްޓުގެ ދެ ވަނައިގައި މިވަގުތު ދަގަނޑޭ އޮތްއިރު އެއް ވަނައިގައި އޮތީ 23 ލަނޑު ޖަހާފައިވާ ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.