ދިރާގު ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދައި ކްލަބް އީގަލްސް އިން އަލުން ލީގު ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އީގަލްސް ކާމިޔާބުކުރީ 4-2 އިންނެވެ. މެޗާ ކުރިމަތިލި އިރު ތިންވަނައިގައި އޮތް އީގަލްސް އަށް ދެވަނަ މަގާމު ގެއްލުނީ ރޭ ފޯކައިދޫ އާއި ދެކޮޅަށް ކުޅެ ޓީސީން މެޗު ކާމިޔާބުކޮށް 37 ޕޮއިންޓް ހަމަކުރުމުންނެވެ. ނަމަވެސް މިއަދުގެ މޮޅާއެކު އީގަލްސް ވަނީ 19 މެޗުން 39 ޕޮއިންޓް ހަމަކޮށްފައެވެ. ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އެންމެ ކުރީގައި އޮތީ 50 ޕޮއިންޓާކުއެވެ.

މިއަދުގެ ބައްޔާއެކު ގްރީން ސްޓްރީޓްސް ވަނީ ތިން ވަނަ ބުރުގައި އެޓީމު ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވެފަ އެވެ. މި ބުރުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވިއިރު ދެ ވަނަ މެޗުގައި ގްރީން ބަލިވީ މާޒިޔާ އަތުންނެވެ. 26 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތް ގްރީނަށް މިހާރު ވަނީ ގަދަ ތިނެއްގައި ހިމެނުމުގެ ފުރުސަތު ގެއްލިފައެވެ. ލީގުގެ ފަސް ވަނައިގައި 24 ޕޮއިންޓާއެކު ދަ ގްރާންޑޭ އޮތްއިރު ހަ ވަނައިގައި އޮތީ 20 ޕޮއިންޓް ލިބިފައިވާ ފޯކައިދޫ އެވެ.

އީގަލްސް އާއި ގްރީން މިއަދު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި ހާފުގައި އީގަލްސްގެ ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އާއި އަހުމަދު ރިޒުވާން (ރިޒޭ) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ހަމަލާތައް ކީޕަރު ހަސަން އަލީފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ޖެހީ ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އައްމަޑޭ ލަނޑު ޖެހީ އިބްރާހިމް ޝަފްރާޒް ނަގައިދިން ހުރަހެއްގައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ގްރީން ސްޓްރީޓްސް އަށް ލީޑުހިފަހައްޓައިލެވުނީ ހަތަރު މިނިޓް ވަންދެނެވެ. މެޗުގެ 53 ވަނަ މިނެޓުގައި އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރިޒޭ އެވެ. އޭގެ ހަ މިނެޓު ފަހުން އީގަލްސް އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ކޯނަރެއްގައި ރިޒޭ ތަނަވަސްކޮށްދިން ފުރުސަތަކުން ހަންނަ އެވެ. އޭގެ ދެ މިނެޓު ފަހުން އީގަލްސްގެ ތިން ވަނަ ލަނޑު ޓޮޝީކީ ޖެހީ ރިޒޭ ޖައްސާލި ބޯޅައެއްގައި އޭރިޔާ ބޭރުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

އީގަލްސްގެ ފަހު ލަނޑު 77 ވަނަ މިނެޓުގައި ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރިޒޭ އެވެ. އަލީ ފާސިރު (ސެންޓޭ) ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރިޒޭ ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. މިއީ ރިޒޭ މި ސީޒަނުގައި ޖެހި 25 ވަނަ ލަނޑެވެ. ޓީސީގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ)ގެ ކުރިން ލަނޑު ލިސްޓު ލީޑު ކުރަމުން އަންނަނީ ވެސް ރިޒޭ އެވެ.

ގްރީން ސްޓްރީޓްސްގެ ދެވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މުހައްމަދު ރިސްވާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު މުސްލިހު އެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި މާޒިޔާ އެވެ.