ޖަރުމަން ލީގުގެ އެންމެ ކުރީގައި އޮތް ދެ ޓީމު ކަމަށްވާ ބަޔާން މިއުނިކާއި ލީޕްޒިގްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ރޭގެ މެޗު ކާމިޔާބުކޮށްގެން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ބަޔާނަށް އޮތް އިރު އަނެއްކޮޅުން އެ މެޗުން މޮޅުވެގެން އެއްވަނަ އަށް އެރުމުގެ ފުރުސަތު ލީޕްޒިގަށް ވެސް އޮތެވެ. އަލަޔާންޒް އެރީނާގައި ކުޅުނު ވާދަވެރި މެޗު އެއްވަރު ވުމުން މިވަގުތު ބުންޑެސްލީގާ ތާވަލުގެ އެއްވަނަ ބަޔާނަށް ލިބެނީ ލީޕްޒިގް އަށް ވުރެ އިތުރަށް ޕޮއިންޓެއް ލިބިގެންނެވެ.

ބަޔާނުން 23 މެޗުން 43 ޕޮއިންޓް ހަމަކޮށްފައިވާއިރު ލީޕްޒިގް އަށް ލިބެނީ 21 މެޗުން 42 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި އޮތީ 39 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑެވެ. މިދިޔަ ހޮނިހިރު ދުވަހު ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅެ ބަލިވުމުން ތާވަލުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޑޯޓްމަންޑުން ވަނީ ނަގާލައިފައެވެ.

އަލަޔާންޒް އެރީނާގައި ލީޕްޒިގް އާއި ބަޔާން ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ހަމަލާ ފޮނުވާލީ ބަޔާން އިންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު ޕީޓާ ގުލާކްސީއެވެ. އޭގެ އިރުކޮޅެއް ފަހުން ލިއޯން ގޮރެޓްޒްކާ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ލީޕްޒިގުގެ ޑިފެންޑަރު މާސެލް ހަސްޓެންބާގް ވަނީ ހުޝިޔާރުކަމާއެކީ ބްލޮކް ކޮށްފައެވެ.

މެޗުގެ ބޮޑު ބައެއްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ބަޔާންގެ ގޯލު ފޫއަޅުވާލަން ލީޕްޒިގަށް ދެވަނަ ހާފުގައި ރަނުގެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ފުރަތަމަ ފުރުސަތުގައި ބަޔާންގެ ގޯލު ކުރިމަތިން ހެން މިޑްފީލްޑަރު މާސެލް ސަބިޓްޒާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން ބަޔާނުގެ ޑިފެންސް އޮޅުން ބޮޅުންވި ގަޑިއެއްގައި ކްރިސްޓޮފާ އެންކުންކޫ ނެގި ހުރަހެއްގައި ޓިމޯ ވާނާ ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މި ސީޒަނުގެ ބުންޑަސްލީގާ އަށް މިހާތަނަށް 20 ލަނޑު ޖަހައިފައިވާ ވާނާ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ފައިދާ ބަޔާނަށް ނުލިބުނީ ހަމަކިރިޔާ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށް ވެފައި ވަނިކޮށް ގޮރެޓްޒްކާ ފޮނުވާލި ހަމަލާއިން ލީޕްޒިގުގެ ގޯލު ސަލާމަތްކޮށްދިނީ ކީޕަރު ގުލާކްސީއެވެ.

ބަޔާނަށް ދެން ކުރިއަށް އޮތީ ލީގުގައި އަންނަ އާދިއްތަ ދުވަހު އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ލީޕްޒިގް ނުކުންނާނީ ތާވަލުގެ 17 ވަނައިގައި އޮތް ވާޑާ ބްރޭމަންއާ ދެކޮޅަށެވެ.