ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅާ ޓީމުގެ ކޯޗަކަށް އާސެނަލަށް ކުރިން ކުޅުނު އީގޯ ސްޓެފަނޯސް ހަމަޖައްސައިފިއެވެ.
ލެޓްވިއާ އަށް އުފަން ސްޓެފަނޯސްއަކީ އާސެނަލުން 2003 ވަނަ އަހަރު މެޗަކުން ބަލިނުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިއެކެވެ. އިނގިރޭސި ވިލާތުގެ އާސެނަލްގެ އިތުރުން ސްޓެފަނޯސް ވަނީ ސްވިޒަލެންޑާއި ޑެންމާކް އަދި ރަޝިއާގެ ކްލަބްތަކަށް ކުޅެފައެވެ.
ސްޓެފަނޯސް ވަނީ ލެޓްވިއާގެ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ. އަދި ގައުމީ ޓީމަށް އޭނާ ހަތަރު ލަނޑު ޖެހިއެވެ.
ޖެނުއަރީ 21، 1976 ގައި ދުނިޔެއަށް އުފަންވި ސްޓެފަނޯސް ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިނީ 1995 ވަނަ އަހަރުއެވެ. ލެޓްވިއާ އިން 2004 ވަނަ އަހަރުގެ ޔޫރަޕް ފުޓްބޯޅަ މުބާރާތް ކުޅުނު އިރު ވެސް ސްޓެފަނޯސް ވަނީ ޓީމުގައި ހިމަނައިފައެވެ.
އުމުރުން 44 އަހަރުގެ ސްޓެފަނޯސް ވަނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އިންޓަ މިލާން، ޗެލްސީ، ބާސެލޯނާ ފަދަ ޓީމުތަކާ ދެކޮޅަށް ވެސް ކުޅެފައެވެ. އަދި އޭނާގެ މޮޅު ކުޅުމާ ހެދި ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކުން އޭރު ޝައުގުވެރިކަން ފާޅުކުރިއެވެ.
އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެފަނޯސް ބުނީ ރާއްޖޭގެ ކުޅުންތެރިން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ފުޓްބޯޅަ އިން އޭނާ އަށް ލިބުނު ތަޖުރިބާގެ ބޭނުން ހިފާނެ ކަމަށް ވެސް ސްޓެފަނޯސް ބުންޏެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމަށް ސްޓެފަނޯސް ހަމަޖެއްސުމަކީ ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ބިނާ ކުރަން މިއީ މުހިއްމު ފެށުމެއް ކަމަށެވެ.