މއިަހަރު ފަހުކޮޅު ފެށުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްް) މަސައްކަތްކުރާ އާ ސީޒަންގެ ކުޅުން ޑިސެމްބަރު 8 ގައި ފެށުމަށް ނިންމައިފިއެވެ.

"ވަގުތު ސްޕޯޓްސް" އަށް ލިބިފައިވާ އާ ސީޒަނުގެ ފުޓުބޯޅަ ކަލަންޑަރުގައި ވާގޮޮތުން ސީޒަނުގެ ފުރަތަމަ މެޗު ކަމަށްވާ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ މެޗު ކުޅޭނީ ޑިސެމްބަރު 8 ގެ ރޭގަނޑު 21:00 ގައެވެ.

ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް އެފްއޭއެމުން ނިންމާފައިވާއިރު މި މަހުގެ ކުރީކޮޅު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދީފައެވެ. އެއާއެކު މާޒިޔާ އާއި ވެލެންސިއާއިން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. އަދި އެހެން ކުލަބުތަކުގެ ފަރިތަކުރުންތައްވެސް ވަރަށް އަވަހަށް ފަށާނެއެވެ.

އާންމުކޮށް އާ އަހަރުގެ ފުޓުބޯޯޅަ ސީޒަން ފެށުމަށް ކުޅޭ ޝީލްޑް މެޗުން ފުރުސަތު ލިބެނީ ލީގުގެ ޗެމްޕިއަނުން ޓީމާއި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދާ ޓީމެވެ. އެކަމަކު މިފަހަރު އީގަލްސްއަށް ފުރުސަތު ލިބުނީ ކޯވިޑް-19 އާއި ގުޅިގެން މިދިޔަ ސީޒަނުގެ އެފްއޭކަޕް ކެންސަލްކުރުމާއި ގުޅިގެން އަވަހަށް ސީޒަން ނިންމާލަން ޖެހުމުންނެވެ.

މިއީ އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ޓީމުން ފަރިތަކުރުންތައް ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެެވެ. ރިޕޯޓުތައް ބުނާގޮތުން އެ ޓީމުން މަސައްކަތްކުރަނީ އަންނަ މަހުގެ އެކެއްގައި ފަރިތަކުުރުންތައް ފެށޭތޯ އެވެ.