ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ދޭ އެންމެ ރީތި ގޯލު، ނުވަތަ ޕުސްކަސް އެވޯޑް އިނގިރޭސި ކުލަބް ޓޮޓެންހަމް އަށް ކުޅެމުން އަންނަ ސައުތް ކޮރެއާގެ ތަރި ސޮން ހުއެން-މިންގް ހޯދައިފިއެވެ.

ސޮން އަށް މި އެވޯޑް ހަވާލް ކޮށްފައިވަނީ "ފީފާ ދަ ބެސްޓް" އެވޯޑް ހަފްލާގައެވެ. ޕުސްކަސް އެވޯޑަކީ ކޮންމެ އަހަރެއްގެ ސީޒަނުގައިވެސް އެންމެ މޮޅު ގޯލު ކާމިޔާބު ކުރާ ކުޅުންތެރި އަކަށް ފީފާ އިން އެކަމުގެ ޝަރަފުގައި ދޭ އެވޯޑެކެވެ.

ސޮން މި އެވޯޑް ހާސިލްކުރީ ފާއިތުވި ސީޒަނުގައި ޓޮޓެންހަމް އިން ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކާމިޔާބު ކުރި ހިތްގައިމު ލަނޑާއި އެކުގައެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ޓޮޓެންހަމް ހާފް ތެރެއިން ބާންލީގެ އެތައް ކުޅުންތެރިންނެއް ނައްޓާލުމަށްފަހު ބާންލީގެ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިގެނެވެ.

ޓޮޓެންހަމް އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން

މި އެވޯޑަށް ދެން ވާދަކުރީ އުރުގުއާއިގެ ޖިއޯޖިއަން ޑީ އަރަސްކައިޓާ އާއި އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއާއިގެ ތަރި ލުއިސް ޝުއަރޭޒް އާ ވާދަކޮށްގެނެވެ.

އެވޯޑު ލިބުމަށް ފަހު ވާހަކަ ދައްކަމުން ސޮން ވަނީ ލަނޑު ޖެހި ވަގުތާއި ފުރަތަމަ ބޯޅަ ލިބުމާއި އެކު ކުރެވުނު އިހުސާސް ކިޔައިދީފައެވެ.

"ފުރަތަމަ ބޯޅަ ލިބުނީމަ ބޭނުންވީ އަވަހަށް ޕާސްދޭން. އެކަމަކު ޕާސް ކުރަން ބަލާލިއިރު ދެވޭނެ ހިސާބެއްގައި އިތުރު ކުޅުންތެރިޔަކު ފެންނާކަށް ނެތް. އެހެންވެ ދެން ބެލީ ޑްރިބްލް ކޮށްފަ ވިޔަސް ރަނގަޅު ހަމަލާއެއް އުފައްދަން. އެތައް ކުޅުންތެރިން ބީޓް ކުރުމަށް ފަހު ގޯލާ ހިސާބަށް ގޮސް އިހުސާސްވީ އަސްލަށްވެސް ވަރަށް މޮޅު ކަމެއްކަން މި ކުރެވުނީ. ދެން ބެލީ އަވަހަށް ލަނޑެއް ޖެހޭތޯ. ގޯލަށް ބޯޅަ ވައްދާލެވުނީމަ ވަރަށް ހިތް ހަމަ ޖެހުން". މަޖާޒީ ރާގަކަށް ސޮން ކިޔައިދިނެވެ.

ޕުސްކަސް އެވޯޑް އިފްތިތާހު ކުރެވުނީ 2009 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. މިއެވޯޑް އެންމެ ފުރަތަމަ ހާސިލް ކޮށްފައިވަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި އެވޯޑަކީ 1950-1960 ވަނަ އަހަރާއި ދެމެދު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ހަންގޭރިއަށް އުފަން ފުޓްބޯޅަ ލެޖެންޑް ފެރެންކް ޕުސްކަސް އަށް ނިސްބަތް ކުރެވިފައިވާ ޝަރަފުވެރި އެވޯޑެކެވެ.

މިހަފްލާގައި "ދަ ބެސް ފީފާ މެންސް ޕްލެޔަރ އޮފް ދަ ޔާ ފޯ 2020" އަށް ހޮވުނު ބަޔާން އަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޮސްކީ އަށާއި "ދަ ބެސްޓް ފީފާ މެންސް ކޯޗް އޮފް ދަ ޔާ" ހޯދާފައިވަނީ ލިވަޕޫލް ގެ ކޯޗް ޔާގެން ކްލޮޕް އަށް ވެސް ވަނީ އެވޯޑް ހަވާލް ކޮށްފައެވެ.