ކުލަބް ގްރީންސްޓްރީޓް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި މާޒިޔާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗު ފަށައިގެން މާޒިޔާއިން ވަނީ ވަރަށް ކުރީކޮޅު ލީޑުނަގާފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އަދި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ކުލަބް ގްރީންސްޓްރީޓްސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު އިބްރާހިމް އައިސަމް ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގައި ކުލަބް ގްރީންސްޓްރީޓްސްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޖެލް މުނޯޒް އެވެ.

މި ގޯލު ޖެހިތާ މިނެޓެއްފަހުން އަސަދުﷲ ވަނީ މާޒިޔާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ 72 ވަނަ މިނެޓުގައި މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިރުފާން (އިރޭ) އެވެ. އަދި އެ ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ކޮނޭލިއަސް ސްޓެވާޓް އެވެ. މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފަހު ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެ ޓީމު އޮތީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެވެ.