ކޮވިޑުގެ ހާލަތާއި ގުޅިގެން ކުޅުން މެދުކަނޑާލާފައިވާ ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް މިމަހުގެ 21 އަލުން ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އަމާޒަކީ އެ ތާރީހުގައި މެޗުތައް ފެށުން ކަމަށް އެފްއޭއެމުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އަމާޒުކުރަނީ އެ ތާރީހުގައި ލީގު ފެށުމަށް ކަމަށާއި ނަމަވެސް އެންމެ ފަހު ނިންމުން ނިންމާނީ ކަމާބެހޭ ފަރާތްތަކުން ކަމަށެވެ.

މާލޭ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އޭގެފަހުން ގާތްގަނޑަކަށް ތިން ހަފުތާ ފަހުން ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދިނެވެ. އެ ހުއްދައާއެކު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުން ވަނީ މިދިޔަ އާދީއްތަ ދުވަހު ން ފަރިތަކުރުންތައް ފަށާފައެވެ.

ކުލަބުތަކުން ފަރިތަކުރުންތައް ފެށުމަށް ހުއްދަދިން ނަމަވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައި މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލްކުރަން މި ވަގުތު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަދި ދެ ހަފްތާ އަށް ފަރިތަކުރުންތައް މަޑުޖައްސާލުމަށް އެދިފައިވެއެވެ.

އެއާއެކު އެފްއޭއެމުން ކުލަބުތަކާއި މަޝްވަރާކުރިއެވެ. އަދި ކުލަބުތަކަށް އެންމެ ފައިދާވާ ގޮތަށް އެޗްޕީއޭއާއި އެފްްއޭއެމް ގުޅިގެން އެކުލަވާލި ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިން ފަރިތަކުރުންތައް ފެށުމަށް ކުލަބުތަކުން ބޭނުންވިއެވެ.

ލީގުގެ ކުޅުން އަވަހަށް ފަށަން މަސައްކަތްކުރަނީ ކުރިޔަށް އޭއެފްސީ ކަޕުގެ މެޗުތައް އޮތުމާއެކު އެވެ. މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތަކަށް ތައްޔާޜުވާނެ ވަގުތު ދިނުމުގެ ގޮތުން އަވަހަށް ކުޅުން ފެށުމަށް މަސައްކަތް ކުރަނީވެސް އެ ސަބަބާހުރެ އެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަދި ޕްލޭއޮފް މެޗު ކާމިޔާބުކޮށް މި ގްރޫޕުން ޖާގައެއް ހޯދުމުގެ ފުރުސަތު ކުލަބް އީގަލްސްއަށް ވެސް އެބައޮތެވެ.