(އައްޑޫ ސިޓީ، ހުޅުމީދޫ) އާލީ ޓާޗް ފުޓުބޯޅަ އެކަޑަމީ (އީޓީއެފްއޭ) އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު ފުޓުބޯޅަ އެކަޑަމީއެވެ. ރާއްޖޭގައި ބާއްވާ އެކަޑަމީ އުމުރުފުރާތަކުގެ މުބާރާތްތަކުން ފަށައިގެން ބައިނަލްއަޤްވާމީ މައިދާނުގައި ވެސް އީޓީއެފްއޭ ވަނީ ރަން ވަނަތަކެއް ހޯދާފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ދިރާގު 13 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ކަމާއި ކްލަބް މޯލްޑިވްސްއާއި މައިލޯ ގުޅިގެން ބޭރުގެ ތިން ފުޓުބޯޅަ އެކަޑަމީއާއެކު މާލޭގައި 2017 ވަނަ އަހަރު ބޭއްވި ފުޓުބޯޅަ މުބާރާތް ކަމަށްވާ މައިލޯ އިންވިޓޭޝަނަލް ކަޕުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ރާއްޖޭގެ އެކަޑަމީ ޓީމެއް ގައުމުން ބޭރުގައި ބޭއްވި ބައިނަަލްއަޤްވާމީ މުބާރާތަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ މެންޗެސްޓާ އިންޓަނޭޝަނަލް އިންޑިޕެންޑެންސް ޖޫނިއާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ މި އެކަޑަމީގެ ފޮނި މީރުކަން ދިވެހި ފުޓުބޯޅައަށް ލިބިގެންދާ ކަމުގެ ހެއްކެކެވެ.

މި ކާާމިޔާބީތަކާއެކު އީޓީއެފްއޭގެ މިހާރުގެ އަމާޒަކީ އެ އެކަޑަމީގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމެވެ. އެ އެކަޑަމީގެ ދަށުން އަތޮޅުތެރޭގައި ހިންގާ އެކަޑަމީތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގާ އެއް އެކަޑަމީއަކީ އައްޑޫސިޓީ ހުޅުމީދޫގެ އީޓީއެފްއޭއެވެ.

ހުޅުމީދޫ އީޓީއެފްއޭ ގެ ފަރިތަކުރުންތަކުގެ ތެރެއިން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހުޅުމީދޫގައި ރަނގަޅު ފުޓުބޯޅައިގެ ޖީލެއް ބިނާކުރުމަކީ އެ ރަށު ގިނަ ބައެއްގެ ފޮނި އުއްމީދެކެވެ. މި އުއްމީދުގައި އެ ރަށު އަހުމަދު ޝާތިރުގެ އެހީއާއެކު އެންމެ ފުރަތަމަ މަސައްކަތް ފެށީ 2004 ވަނަ އަހަރުގައެވެ. އެގޮތަށް ކުރި މަސައްކަތުން އަބްދުﷲ ސައީދު އަދި އޭނާގެ ގާތް ރަހުމަތްތެރިންނާއި އެކު މަސައްކަތް ފެށީ މި އެކަޑަމީއަށް ރަސްމީ ސިފައެއް ޖެއްސުމަށެވެ. މި ހިޔާލުގެ ދަށުން އީޓީއެފްއޭގެ ބާނީ އަހުމަދު ސަލީމް (ހީނާ) ގެ އެހީއަށް އެދުނެވެ. އަދި މިކަމަށް ހީނާ އާން ބަސް ބުނީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ. އެއާއެކު 17 ސެޕްޓެމްބަރ 2012 ވަނަ އަހަރު ހުޅުމީދޫ އީޓީއެފްއޭ ވުޖޫދުވެގެންދިޔައެވެ.

އަބްދުﷲ ސައީދު ވަގުތު އަށް އިންޓަވިއު ދެނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކަޑަމީ އުފެދުނުތާ މިހާތަނަށް 8 އަހަރުވެއްޖެއެވެ. އަތޮޅުގެ ނިސްބަތުން ބަލާއިރު ގިނަ ކާމިޔާބީތަކެއްވެސް ހޯދައިފިއެވެ. އެކަޑަމީގެ އެންމެ އިސް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުﷲ ސައީދު ސިފަކުރާ ގޮތުގައި މިހާ ކާމިޔާބުކަމާއެކު އެކަޑަމީގެ ކަންކަަން ކުރިޔަށްދަނީ ބެލެނިވެރިން އެ ކުރާ އިތުބާރާއި އެ ދޭ ތަރުހީބެވެ. އަދި ހީނާ ސަލީމް އާއި މުޅި ފުޓުބޯޅަ އާއިލާއިން ދޭ އެއްބާރުލުމެވެ. މީގެއިތުރުން ހުޅުމީދޫ އަށް ނިސްބަތްވާ އެފްއޭއެމްގެ މިހާރުގެ ޓެކްނިކަލް ޑިރެކްޓަރ އަހުމަދު ޝަރީފު (ޑުންގާ) ގެ ފަރާތުން ލިބޭ އެހީތެރިކަން ވެސް އެ އެކަޑަމީން ފާހަގަކުރެއެވެ.

"ޖުމްލަކޮށް ވަރަށް ބޮޑު އެއްބާރުލުމެއް ދޭ ފުޓުބޯޅަ އާއިލާއިން، ދޭތެރެ ދޭތެރެއިން އަންނާނެ ވިޒިޓިން ކޯޗުންތަކެއް، ފެސްކޯ މެން ފަދަ ކޯޗުން މީގެކުރިން އައި، އެފްއޭއެމްގެ ރައީސް ބައްސާމް ވެސް ވިދާޅުވެފަ ވަނީ އެހީއެއް ބޭނުންވެއްޖެ ނަމަ ބުނަން، އެހެންވީމަ ޖުމްލަގޮތެއްގައި ވަރަށް ބޮޑު އެއްބާރުލުމެއް ދޭ ހުރިހާ ފަރާތްތަކުންވެސް" އަބްދުﷲ ސައީދު ބުންޏެވެ.

އައްޑޫސިޓީ އަކީ ގިނަ ފުޓުބޯޅަ އެކަޑަމީތަކެއް ހަރަކާތްތެރިވަމުން އަންނަ އަތޮޅެކެވެ. ހަ ވަރަކަށް އެކަޑަމީ މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ އިރު އީޓީއެފްއޭ އަކީ މި އެކަޑަމީތަކުގެ ތެރެއިން އެންމެ ގިނަދުވަސްވީ އެކަޑަމީއެވެ.

އެކަޑަމީގެ މިހާރުގެ އަމާޒު، 12 އަހަރުން ދަށުގެ ޖީލެއް ބިނާކުރުން

މި އެކަޑަމީގައި މިހާރު ޖުމްލަ 110 ކުދިން ރަޖިސްޓަވެފައި އެބަތިއްބެވެ. އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން މި އެކަޑަމީގެ ޓްރެއިނިންތައް ހިންގާއިރު މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަމުން އަންނަނީ ތިން ކޯޗުންނެވެ. އެއީ އަބްދުﷲ ސައީދުގެ އިތުރުން މަޝްހޫރު ނަމުން ނަމަ އައްމަޑޭ ކޯޗާއި ޒާއްލެ ކޯޗެވެ.

ހުޅުމީދޫ އީޓީއެފްއޭ ގެ ފަރިތަކުރުންތަކުގެ ތެރެއިން--ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިހާރު އަޅުގަނޑުމެން ނިންމާފަ އޮންނާނީ 50 ކުދިންނަށް ވުރެ މަތި ނުވާނެ ގޮތަކަށް ސެޝަންތައް ކުރިޔަށްގެންދަން، މިހާރު ތިން އުމުރުފުރައަކަށް މި ކުރިޔަށްގެންދަނީ، އެއީ 7 އަހަރުންދަށް، 9 އަހަރުންދަށް އަދި 12 އަހަރުންދަށަށް" އަބްދުﷲ ސައީދު ބުންޏެވެ.

މި އުމުރުފުރާތަކާއެކު އަތޮޅު ފެންވަރުގައި ބޭއްވި އިންޓަސްކޫލް މުބާރާތްތަކުގައި ވެސް އެ ތަފާތު މިހާތަނަށް ފެނިގެންދިޔައެވެ. ސާދަ އަހަރުން ދަށާއި 15 އަހަރުން ދަށުގެ ތަށި މިހާތަނަށް ހޯދިއިރު 12 އަހަރުން ދަށުގެ ސެމީ ފައިނަލާ ހަމައަށް މީގެކުރިން ވާސިލްވެފައިވެއެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ކާމިޔާބީތަކާއެކު އެކަޑަމީގެ މިހާރުގެ އެންމެ ބޮޑު އުއްމީދެއް ކުރަނީ އެ އެކަޑަމީގެ 12 އަހަރުންދަށުގެ އުމުރުފުރާއެވެ. އަތޮޅަށް އަދި ޤައުމީ ފެންވަރުގެ ކުޅުންތެރިން ބިނާކުރުމުގެ މި އަޒުމާއެކު އެ އަޒުމަށް ވާސިލުވުމަށް މިހާރުވެސް އެ އެކަޑަމީން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގައި އެކަޑަމީގެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ބޮޑު އެއްބާރުލުން ލިބޭކަން އެ އެކަޑަމީން ފާހަގަކުރެއެވެ.

ރާއްޖޭގެ ގިނަ ފުޓުބޯޅަ އެކަޑަމީތައް ހިންގަނީ ފައިސާގެ ބޮޑެތި ހޭދަތަކެއް ކޮށް، ކުދިން އަތުން ބޮޑު އުޖޫރައެއް ނަގައިގެންނެވެ. ނަމަވެސް އީޓީއެފްއޭގެ ވިސްނުން ތަފާތެވެ. ކޮންމެ ކުއްޖެއް އަތުން ނަގަނީ މަހަކު 150 ރުފިޔާއެވެ. އެއީ އެކަޑަމީއެއްގެ ހަރަދުތައް ދެކޮޅު ޖައްސަން ބެލި ނަމަވެސް ނިސްބަތުން ބަލާއިރު ކުޑަ ހަރަދެކެވެ. ނަމަވެސް ހުޅުމީދޫ އީޓީއެފްއޭގެ ވިސްނުމަކީ ނަގާ އުޖޫރައަށްވުރެ ގައުމަށް އަދި ރަށަށް ހިދުމަތްކޮށްދިނުމެވެ. މިގޮތުން ހިލޭ ސާބަހަށްވެސް ބައެއް ކުދިން މި އެކަޑަމީގައި ބައިވެރިކޮށްފައި އެބަތިއްބެވެ.

ހުޅުމީދޫ އީޓީއެފްއޭ ގެ ފަރިތަކުރުންތަކުގެ ތެރެއިން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކަޑަމީއެއް ހިންގުމަކީ ވަރަށްވެސް އުނދަގޫ އަދި ބުރަ މަސައްކަތެކެވެ. އެކަން ކޯޗުންގެ ވާހަކައިން ވެސް ފާހަގަވިއެވެ. ނަމަވެސް މި ކޯޗުންގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. މުޅި އައްޑޫސިޓީ އާއި ރާއްޖެ ފަހުރުވެރިވާ ކުޅުންތެރިންތަކެއް އުފެއްދުމަށްޓަކައި މި ކޯޗުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާހިރު

    ތިތާކަށް ދާކުދީންނަށް އެއްވެސް ކުރިއެރުމެއް ލިބެމުންދާ ތަން ނުފެނެއެވެ.

  2. ސަބީލު

    ކޮންތާކު އޮތް ރަށެއް ނުވަތަ އަވަށެއްތޯ ހުޅުމީދޫ އަކީ؟ ނޫސްވެރިން ޢާންމުން ވާވައްދަން ނޫޅޭ!

    2
    1
  3. ހުސްނުވި ސޫދު

    ތި އައްޑޫއިން މާ ރާމާ ރީތައް ހުއްތުވޭތޯ ބަލާބަލަ.. ޕްލީޒް..