އަންނަ ސީޒަނުގައި މެންޗެސްޓަރ ސިޓީ ބަލިކުރަން ބޭނުންވާނަމަ މިހާރު އޮތް މެންޗެސްޓަރ ޔުނައިޓެޑުގެ ސްކޮޑު ވަރުގަދަކުރަން އިތުރު ހަރަދުތަކެއް ކުރަންޖެހޭޭކަމަށް ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.
މި ސީޒަނުގެ ލީގު ހޯދާފައިވަނީ މެންޗެސްޓަރ ސިޓީންނެވެ. އެ ޓީމާއި އެންމެ ކައިރިން ދެވަނައިގައި އޮތީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑެވެ. ސިޓީން ލީގު ހޯދިއިރު މި ދެ ޓީމުގެ ދެމެދުގައި 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ސިޓީއަށް ލީގު ކަށަވަރުވެފައިވަނީ ލެސްޓާ ސިޓީ އަތުން 2-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމުންނެވެ. މިއީ ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ސިޓީން ހޯދި ތިންވަނަ ލީގެވެ.
އަންނަ ސީޒަނާއި ގުޅޭގޮތުން ވާހަކަދައްކަމުން ސޯލްޝެއާ ބުނީ ޔުނައިޓެޑަށް ކާމިޔާބީ ހޯދަން ބޭނުންވާނަމަ އެ ކުލަބުގެ ވެރިން އަންނަ ސީޒަނަށް ހަރަދުތަކެއް ކުރަންޖެހޭ ކަމަށާއި ޓީމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.
"ސިޓީ ހޯދީ ވަރަށް ފުރިހަމަ ކާމިޔާބެއް، އެކަމަށް މަރުހަބާ ކިޔަން، މިއީ އަހަރެމެން (ޔުނައިޓެޑުން) އާ ސީޒަނަށް މަސައްކަތްތަކެއް ކުރަންޖެހޭ ދަނޑިވަޅު، ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭ، ކުލަބުގެ އިސްވެރިން މި ބަދަލުތައް ގެނެސްދޭނެ ކަމަށް އުއްމީދުކުރަން" ސޯލްޝެއާ ބުންޏެވެ.
ސޯލްޝެއާގެ ކޯޗުކަމުގެ ދަށުން މި ސީޒަނުގައި ޔުނައިޓެޑުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ނިސްބަތުން ޒުވާން ކުޅުންތެރިންތަކެއް ސްކޮޑުން ފެނުނު ނަމަވެސް ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ޓީމުތައް ފަހަތަށް ޖައްސާލި ޓީމެއްގެ ގޮތުގައެވެ. ލީގު ގެއްލުނު ނަމަވެސް ޔުނައިޓެޑަށް ޔުރޮޕާ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.
ޔުރޮޕާ ލީގުގެ ފައިނަލުގައި މި މަހުގެ 27 ވަނަ ދުވަހު ޔުނައިޓެޑް ބައްދަލުކުރާނީ ސްޕެއިންގެ ވިޔަރެއާލް އާއެވެ.