ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ދެވަނަ މެޗުގައި ޔޫކްރެއިން އަތުން ނެދަލޭންޑްސް އުނދަގޫ މޮޅަކާއެކު މިފަހަރުގެ މުބާރާތް ފަށައިިފިއެވެ.

ނެދަލޭންޑްސްގެ އެމްސްޓަޑަމް އަށް ނިސްބަތްވާ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗު ނެދަލޭންޑްސް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މޮޅަކީ ނެދަލޭންޑްސް އަށް މުހިއްމު މޮޅެކެވެ. މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ.

މެޗު ފަށައިގެން ނެދަލޭންޑްސް ކުޅެމުންދިޔައީ ހަލުވި ޕާސްތަކަކާއެކު މޮޅު ޕްރެސިން ގޭމެކެވެ. މި ގޭމް ކުޅުވުމުގެ އެންމެ އިސްރޯލެއް އަަދާކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނެދަލޭންޑްސްގެ ކެޕްޓަން ޖޯޖީނޯ ވައިނަލްޑަމް އެވެ. އަނެއްކޮޅުން ޔޫކްރެއިން ޓީމުވެސް މި މެޗުގައި ފެނުނީ ނެދަލޭންޑްސް ޓީމަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރި ޓީމެއްގެ ގޮތުގައެވެ.

ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއްވެސް ލިބުނީ ނެދަލޭންޑްސް އަށެވެ. މެޗުގެ 38 ވަނަ މިނެޓުގައި ކެޕްޓަން ވައިނަލްޑަމް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން ފޮނުވާލި ބާރު ހަމަލާ ޔޫކްރެއިންގެ ކީޕަރު ބުޝްޗާން ވަނީ ހުށިޔާރުކަމާާއެކު ދިފާއުކޮށްފައެވެ.

މެޗުގައި ނެދަލޭންޑްސް ލީޑު ނަގާފައިވަނީ މެޗުގެ 52 ވަނަ މިނެޓުގައެވެ. މިއީ ޑެމްބްރީގެ ހުރަހެއް ޔޫކްރެއިންގެ ކީޕަރު ބުޝްޗާން ދިފާއުކުރަން ކުރި މަސައްކަތުގައި ޕަންޗުކޮށްލި ބޯޅަ ކުޅުމުގެ ތެރެއަށް އައި ދަނޑިވަޅުގައި އެ ބޯޅަ ހޯދައިގެން ވައިނަލްޑަމް ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑު ޖެހިތާ ހަތް މިނެޓުފަހުން ނެދަލޭންޑްސް ވަނީ ލީޑު ފުޅާކުރި ލަނޑު ޖަހާފަައެވެ. މި ލަނޑު ވޯޓް ވެގޯސްޓް ކާމިޔާބުކުރި އިރު މިއީ އޭރިއާ ތެރެއިން ޔޫކްރެއިން އަަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި ދެ ލަނޑަށްފަހު ވެސް ނެދަލޭންޑްސް ފެނިގެންދިޔައީ ވަރުގަދަކޮށެވެ. ހާއްސަކޮށް އަރިމަތިން އުފައްދަން މަސައްކަތްކުރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޔޫކްރެއިން ޓީމުން ހިތްވަރު އެލުވަައެއްނުލައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަސް މިނެޓުގެ ތެރޭގައި ޔޫކްރެއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ޖެހީ 79 ވަނަ މިނެޓުގައެވެ.

މެޗުން ނެދަލޭންޑްސް މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މި ލަނޑު ޑަމްފްރައިޒް ކާމިޔާބުުކުރި އިރު މިއީ ޔޫކްރެއިންގ ެކީޕަރަށް ހެދުނު ގޯހަކުން ކާމިޔާބުކުރި ލަނޑެކެވެ. މަތިން ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލުގެ ކަނަށް އަމާޒުކުރި މިއީ ޔޫކްރެއިންގެ ކީޕަރަށް ފަސޭހައިން މަތަވާނެ ބޯޅައެކެވެ.

ޔޫރޯގައި މި ދެ ޓީމު ހިމެނޭ ގްރޫޕް ސީގައި ދެން ހިމެނޭ އޮސްޓްރިއާ އާއި ނޯތް މެސެޑޯނިއާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކުރީ އޮސްޓްރިއާ އެވެ. މިއާއެކު މި ގްރޫޕުގެ ކޮންމެ ޓީމަކަށްވެސް ވަނީ މެޗެއް ލިބިފައެވެ.