މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު ފާތީ ހޯދައިފިއެވެ.

ނެޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗުތައް ރޭ ވަނީ ކުޅެފައެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޝާޒް ވަނީ މުހައްމަދު ޝަރީފްގެ މައްޗަށް 9-7 ފްރޭމުން ކުރި ހޯދައިފައެވެ. އަދި އަންހެން ޑިވިޝަނުގެ ފައިނަލުގައި އާމިނަތު އަޒްރާ އަތުން ފާތީ މޮޅުވީ 7-2 ފްރޭމުންނެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އިނާމުތައް ހަވާލުކޮށްދެއްވީ ސީނިއާ ބިލިއާޑް ކުޅުންތެރިޔާ ކެޕްޓަން ހަސަން ރާޖޭޝް މޫސާ އާއި އެމްޕީބީއޭގެ ޗެއާޕާސަން އަހުމަދު ނާސިފެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު އަށް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ޝާޒާއި ރަނަރަޕް ޝަރީފާއި ހުސައިން ފަޔާޒާއި ހަސަން ޝަފްރާޒާއި އިސްމާއިލް ސުވައިދާއި އަހުސަން ހާޝިމާއި އަހުމަދު ޒިޔާން އަދި އަލީ ފަޔާޒެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ފާތީ އާއި ރަނަރަޕް އަޒްރާ އާއި އާމިނަތު ހަލީމާއި ފަޒްނާ މޫސާ އަދި ދީނާ އަހުމަދެވެ.

މިމަހުގެ 14 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި ފިރިހެން 64 ކުޅުންތެރިންނާއި އަންހެން 12 ކުޅުންތެރިން ވާދަކުރިއެވެ.

އެމްޕީބީއޭ އިން ކުރިއަށް ދެން ރޭވިފައިވަނީ 9 ބޯލް އެސޯސިއޭޝަން ކަޕެވެ. އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އިން ފެށިގެން 31ގެ ނިޔަލަށެވެ.