ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ރޯޑް ކިންގް ޗެމްޕިއަންޝިޕުގެ އެއްވަނަ އިބީ ހޯދައިފިއެވެ.

ކުޅިވަރާބެހޭ ވުޒާާރާއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތުގެ އެއްވަނަ ނުވަތަ ރޯޑު ކިންގުގެ މަގާމު އިބީ ހޯދީ މުހައްމަދު ހުމާމު ބަލިކޮށްގެންނެވެ.

މި މުބާރާތުގައި އިބީ ވާދަކުރީ ދޮން އިބްރާހިމް ރޭސިން ޓީމުންނެވެ. އަދި މުހައްމަދު ހުމާމް ވާދަކުރީ ބީސްޓް ކްރޫ ޓީމުންނެވެ. ރޯޑު ކިންގުގެ އިތުރުން ހުމާމް ވަނީ 135 ސީސީ ބައިގެ އެއްވަނަވެސް ހޯދާފައެވެ. އޭނާ އެ ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޮރި މޮޓޯސްގެ ކުޑަ ރިއްޓެ ބަލިކޮށްގެންނެވެ.

ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމާފައިވާ ހދ. ކުޅުދުއްފުށީގައި ކުރިޔަށްދާ ހަރަކާތްތަކުގެ ތެރެއިން ރޭސިންގެ ގިނަ މުބާރާތްތަކެއް ވަނީ ކުރިޔަށްގެންގޮސްފައެވެ.

ރޯޑް ކިންގްގެ އެއްވަނަ ހޯދި އިބީ- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

އާންމުންގެ ބޮޑު ތަރުހީބަކާއެކު ކުރިޔަށްދާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ 125 ސީސީގެ ޗެމްޕިއަންކަން ހޯދީ މެގްމާ ރޭސިންގެ އަމީޒެވެ. އަމީޒު ޗެމްޕިއަންކަން ހޯދީ ފްރީ ރައިޑާސްގެ ލޫޓު ބަލިކޮށްގެންނެވެ.

135 ސީސީގެ ޗެމްޕިއަންކަން ހޯދީ ދޮން އިބްރާހިމް ރޭސިންގެ އިބީ އެވެ. އިބީ މިރޭހުން މޮޅުވީ އިބީގެ ސައިކަލަށް އަންނަނީ މިމުބާރާތުގައި ގިނަ ބައެއްގެ ލޯތައް އަމާޒުވަމުންނެވެ. 150 ސީސީގެ ޗެމްޕިއަންކަން ހޯދީ ބީސްޓް ކްރޫގެ އަނީޒެވެ. އަނީޒް މިބައި ކާމިޔާބުކުރީ މެގްމާ ރޭސިންގެ ނާޖިހް ބަލިކޮށްގެންނެވެ.

މީގެއިތުރުން މި މުބާރާތުގައި އަންހެން ކެޓަަގަރީއަށް ހާއްސަ އިވެންޓެއް ވެސް ވަނީ ބާއްވާފައެވެ. އަންހެން އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫލީ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ނުވަ ރައިޑަރުން ވާދަކުރި އިވެންޓުގައި ޔައްމި ބަލިކޮށްގެންނެވެ.

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި އިތުރު ހަރަކާތްތަކެއް ކުރިޔަށްދާނެއެވެ. މީގެތެރޭގައި ގައުމީ ފުޓުބޯޅަ ޓީމާއި ކުޅުދުއްފުށި ޓީމަކާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.