ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަންގެ ހިތަށް ޑިވައިޒެއް ލައްވައިގެން އިޓަލީގައި ނުކުޅެވޭނެކަން އެ ގައުމުން އެންގުމާއި ގުޅިގެން އިންޓަމިލާނުން އޭނާ ވިއްކާލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެރިކްސަންގެ ހިތަށް ޑިވައިޒެއް ނުވަތަ ހިތުގެ ވިންދު އެއް ހަމައެއްގައި ހިފަހައްޓާނެ އާލާތެއް ލައްވާފައިވަނީ ނިމިދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފިންލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓި ފަރުވާދީ ހޮސްޕިޓަލަށް ބަދަލުކުރުމަށް ފަހުއެވެ.

އެވަގުތު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ލަފާދިނީ ޑިވައިޒެއް ހަރުކުރުމަށެވެ. އެއީ ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ކުރުމަށް ކަމަށެވެ. އަދި އެރިކްސަންގެ ރައްކަލަކަށެވެ. މި ޑީވައިޒް ހުރުމުން އެރިކްސަން އަށް ދެވަނަ ފަހަރަށް މިފަދަކަމެއް ތަކުރާރުވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ. އެފަދަކަމެއް ވާން އުޅޭނަމަ ކުރީބައިގައި އެކަމެއް އެނގޭނެއެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުމުން އިތުރު ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަނީ

ޔޫރޯއަށްފަހު އިންޓަމިލާނު ކުޅުނު އެއްވެސް މެޗެއްގައި އެރިކްސަން ނުކުޅެއެވެ. އެއީ އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ހިތަށް ޑިވައިޒް ލައްވައިގެން ކުޅުންތެރިން ކުޅެން ހުއްދަ ދީފައި ނެތުމާއި އެކު އިންޓަމިލާނުން އެންމެ ފުރަތަމަ މަސައްކަތްކުރީ ޓެސްޓުތަކެއް ހެއްދުމަށްފަހު ކުޅުމުގެ ފުރުސަތެއް ބެލުމަށެވެ. ޓެސްޓުތަކުން ވެސް ދެއްކީ ހިތުގެ ޑިވައިޒް ހަރުކޮށްގެން އުޅެންޖެހޭނެ ކަމަށެވެ. އެއާއެކު އިންޓަމިލާނަށް އޭނާ ދޫކޮށްލަން މަޖުބޫރުވީ އެވެ.

"އެރިކްސަންގެ ހާލަތު އޮތްގޮތުން ދެން މި ކުލަބުގައި ކުޅުމުގެ ފުރުސަތެއް ނެތް، އެންމެންގެ މަޝްވަރާއާއި އެކު އެރިކްސަންގެ މުސްތަގްބަލް ހިޔާރުކުރާނެ ގޮތްތަކާއި މެދު މަޝްވަރާކުރާނަން" އިންޓަމިލާނުގެ ބަޔާނުގައިވެއެވެ.

ހިތަށް ޑިވައިޒް ލައްވައިގެން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުމަކީ ޔޫރަޕުގެ ގިނަ ގައުމުތަކުން ހުއްދަދީފައިވާ ކަމެއް ނޫނެވެ. އެހެންކަމުން މުސްތަގްބަލުގައި އެރިކްސަން ކުޅޭނެ ކުލަބެއް ހިޔާރުކުރަން އޭނާއަށް އުނދަގޫތަކެއް ކުރިމަތިލާން ޖެހޭނެއެވެ. އެރިކްސަން އަކީ ޑެންމާކްގެ ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ.