ލަންކާގައި މިރޭ ފަށާ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ލަންކާއާއި ރާއްޖެ ބައްދަލުކުރާ ފުރަތަމަ މެޗު ކާނިވަލް ސަރަހައްދާއި ސޯޝަލް ސެންޓަރުގެ ބޮޑުސްކްރީނުގައި އަޅުވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފު ވިދާޅުވީ ސިޓީ ކައުންސިލުގެ އެއްބާރުލުމާއި އެކު ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ކާނިވާ ސަރަހައްދުގަ އަދި ސޯޝަލް ސެންޓަރުގަ ބޮޑު ސްކްރީނުން ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މެޗުގެ އިތުރުންވެސް މި މުބާރާތުގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއްވެސް ބޮޑު ސްކްރީނުގައި އަޅުވާގޮތަށް ނިންމާފައިވާކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ. މިކަމާއި ގުޅޭ ގިނަ ބައްދަލުވުންތަކެއް ކަމާބެހޭ އިދާރާތަކުން ދަނީ ބާއްވަމުންނެވެ. އަދި މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ވެސް މާލެތެރޭގައި ކުރިޔަށްގެންދިއުމަށް ދަނީ ރާވަމުންނެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާއި އެކު ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗު ފަށާގޮތަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން 19:30 ގައެވެ. އެއީ ލަންކާ ގަޑިން ބަލާނަމަ 20:00 އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެއިތުރުން ދެ ގައުމުގެ ކުޅިވަރާބެހޭ ވަޒީރުވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކާނިވާ ސަރަހައްދާއި ސޯޝަލްގައި ބޮޑު ސްކްރީން ބަހައްޓާއިރު މެޗުގެ ފޯރިގަދަކުރުމުގެ ގޮތުން އެ ސަރަހައްދުތަކުގައި އިތުރު ހަރަކާތްތަކެއްވެސް ކުރިޔަށްގެންދަން ވަނީ ނިންމާފައެވެ. ނަމަވެސް އެ ކަންކަން އަދި ހާމައެއްނުކުރެއެވެ.

މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ވާދަކުރާ ރާއްޖެ ހިމެނޭގޮތަށް ހަތަރު ގައުމެވެ. އެއީ ރާއްޖެއާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ޑޮލަރު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރުބެ

    ރާއްޖެ ތެރޭގައި އުޅޭ މީހުންނަށް މި މެޗްތައް ފެންނާނެ ގޮތެއް އެބައޮތްތޯ ވަގުތުގެ ފަރާތުން ބަލާލާ ދީބަލާށެވެ

  2. މުހައްމަދު

    ތި ބޮޑު ނިއްމުމެއްނިއްމި އިރު މިހާރު އާބާދީ ބޮޑު ހުޅުމާލެ އަފި ދެވަނަ ފިޔަވަހީގައި ތި އުފާވެރިކަން ނެތީތޯ؟ ގިނަ އަދަދެއްގެ ބަނގުލަދޭށި ރައްޔިތުންވެސް އުލޭއިރު އަނެއްކާ އެ ގައުމުވެސް މި ފަހަރު ތަމްސީލްކުރާ މުބާރާތެއްގައި އެވަރުގެ ކަމެއް ކޮތްދިނުންކީއްތޯވާނީ؟