މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންނަ އަހަރު "ރާއްޖެ ވޮލީބޯލް ޗެމްޕިއަންޝިޕް" ނަމުގައި ވޮލީ މުބާރާތެއް ބާއްވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

މި މުބާރާތް ބޭއްވުމަށް މަސައްކަތްކުރަނީ މުޅި ރާއްޖެ ހަތް ޒޯނަކަށް ބަހާލުމަށްފަހު އަންނަ އަހަރުގެ ތެރޭގައެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިފަދަ ގޮތަކަށް ބާއްވާނެ ފުރަތަމަ ވޮލީ މުބާރާތެވެ.

މުޅި ރާއްޖެ ހަތް ޒޯނަކަށް ބަހާލުމަށްފަހު އެ ޒޯނަކުން ޗެމްޕިއަންކަން ހޯދާ ޓީމުތަކުގެ މެޗުގައި އިތުރު މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވޮލީބޯލް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަމުން ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭން ނިންމާފައިވަނީ ރާއްޖެ ވޮލީބޯލް ޗެމްޕިއަންޝިޕަށް ކަމަށާއި މިއީ ވޮޮލީގެ ހުނަރުވެރި ކުޅުންތެރިންތަކެއް އަތޮޅުތެރެއިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އަންނަ އަހަރުގެ ވޮލީބޯޅަ ކަލަންޑަރު ނެރޭއިރު މުޅި އޮނިގަނޑު ބަދަލުވާނެކަމަށާއި ކުލަބުތަކަށް އަންނަ އަހަރު ބާއްވާ މުބާރާތްތަކުގެ އޮނިގަނޑުވެސް ތަފާތުވާނެ ކަމަށެވެ.

މީގެއިތުރުން އެސޯސިއޭޝަން ކަޕާއި ރިސޯޓު ވޮލީ މުބާރާތްވެސް އަންނަ އަހަރު ބާއްވަން މަސައްކަތްކުރާ ކަމަށާއި ވޮލީގެ ކޭމްޕުތަކެއްވެސް އަތޮޅުތެރެއަށް އަމާޒުކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. މި ކޭމްޕުތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ ކޯޗުންކަމަށް ވެސް ރަނޭ ވިދާޅުވިއެވެ.

ވޮލީބޯޅައިގެ ރައީސްކަމުގައި ރަނޭ ވަނީ ރާއްޖޭގެ ވޮލީއަށް ގިނަ ބަދަލުތަކެއް މިހާތަނަށް ގެނެސްފައެވެ. އަދި ބައިނަލްއަޤްވާމީ އިދާރާތަކާއެކު އޮތް ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ދާދިފަހުން ވޮލީބޯޅައިގެ މައި ޖަމްއިއްޔާގެ ރައީސް ވަނީ ރާއްޖެ ވަޑައިގެން ބީޗް ވޮލީގެ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ މަޝްވަރާ ފަށާފަައެވެ.