ރާއްޖޭގެ ބަލިފައި ކުރިން އެނގޭ ކަމަށާއި މި މެޗުގައި ރާއްޖެ ކޮޅަށް ފަހަތުން އަރާ ހަތަރު ލަނޑުޖެހުނީ ނަސީބުވެސް އެހީވެގެން ކަމަށް ސްރީލަންކާގެ ކޯޗު އާމިރު އަަލަގިޗް ބުނެފިއެވެ.

ސްރީލަންކާގައި އިއްޔެ ފެށި މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ރާއްޖެ ހަތަރު ލަނޑު ޖަހާފައިވަނިކޮށް ލަންކާއިން ނަތީޖާ ހަމަހަމަކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ .

ލަންކާ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު 25 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ހަަތަރު ލަނޑުންނެވެ. މި ހަތަރު ލަނޑުވެސް ލަންކާއަށް ކާމިޔާބުކޮށްދިނީ މިދިޔަ އަހަރު ލަންކާ ގައުމީ ޓީމަށް ކުޅެން ފެށި ޖަރުމަނަށް އުފަން ވަސީމް ރަޒީކް އެވެ.

ރާއްޖެއިން މި މެޗު ފެށީ ވަރުގަދަކޮށެވެ. ރާއްޖޭގެ ހަތަރު ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ ކެޕްޓަން އަކްރަމް އަބްދުލްޢަނީ އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މީގެއިތުރުން ވެސް ރާއްޖެއިން މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ރާއްޖެ ފެނުނީ ވަރަށް ނިކަމެތިކޮށެވެ.

ރާއްޖެއާއި އެއްވަރުވުމުން ލަންކާ ކުޅުންތެރިން އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ލަންކާގެ ކޯޗު އާމިރް އަލަގިޗް ބުނީ މި ނަތީޖާ އެއްގޮތަކަށް ވެސް އުއްމީދުނުކުރާ ކަމަށާއި ބެލީ ރާއްޖޭގެ ބަލިފަޔަށް ކަމަށެވެ.

"އަހަންނަށް އެނގޭ ފަހު ވަގުތު ރާއްޖޭގެ ޓީމު ވަރުބަލިވާނެ ކަން، އެއީ ރާއްޖޭގެ ބަލިފަޔަކީ، އެހެންވެ އެކަމަށް އަހަރެން އެންމެ ބޮޑަށް ސަމާލުކަންދިނީ، އަދި ދަނޑު އޭރު އޮތް ހާލަތަށް ބަލާއިރު ވެސް އިތުރަށް މަސައްކަތްކުރަން ޖެހޭ، ފެނުނީ ކުޅުންތެރިން އެ މަސައްކަތްކުރި ތަން" ލަންކާ ކޯޗު ބުންޏެވެ.

މިއީ ލަންކާއަށް ބޮޑު ނަތީޖާއެކެވެ. ރާއްޖޭގެ ގައުމީ ޓީމު ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން އެންމެ ބޮޑަށް ހާމަވީ ރާއްޖޭގެ ފިޓްނަސް ލެވެލް ދަށްކަން ކަމަށް ލަންކާގެ ކޯޗު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު އަހްމަދު

    މައްސަލައަކީ ފިޓްނަސް ލެވެލް ދަށްކަން އެނގޭ އިރުވެސް 4 ލަނޑުގެ ލީޑެއްގައި އޮވެ ކުޅުންތެރިން ބަދަލު ނުކުރީމައެވެ. މިހާރު 5 ބަދަލު ކުރެވޭނެއެވެ. އޭރުން ޓީމް އެއްކޮށް އާވީއެވެ.