ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާާރާތުގެ ފައިނަަލް މެޗު މާލެއިން ބޭރުން ރ. އަލިފުށީގައި ބާއްވަން ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ އެ ދަނޑުގައި ފައިނަލް ކުޅެން ނިންމިކަން ކަށަވަރުކޮށްދީފައެވެ.

އަލިފުށީ ދަނޑުގަައި ފައިނަލް މެޗު ކުޅެވޭނެތޯ ބެލުމަށް ކަމާބެހޭ ޓީމެއް ވަނީ އެ ރަށުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.

އެ މަސައްކަތުގެ ތެރެއިން ރ.އަލިފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުންތަކުގައި ސަރުކާރު ފަޅިން މި ދަތުރުގައި އެންމެ މީހެއްގެ ގޮތުގައި ބައިވެރިވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެވެ. މީގެއިތުރުން އެފްއޭއެމުގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޓްގެ ފަރާތުން އިސްމާއިލް ރިޔާޒްއާއި ޝާހު އިސްމާއިލް (ސާޔާ) ވަނީ ބައިވެރިވެފައެވެ.

ރ.އަލިފުށީ ޓާފް ދަނޑު

އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ކުޅުމަށް މަސައްކަތްކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށުގެ ޓާފް ދަނޑު ނިމިފައިވާކަން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ އިއުލާނުކުރައްވާފައެވެ.

ޕްރެޒިޑެންޓްސް ކަޕް އެންމެފަހުން ބޭއްވީ 2017 ވަނަ އަހަރުގައެވެ. އެފަހަރު ނިއުރޭޑިއަންޓް ޗެމްޕިއަންކަން ހޯދިއިރު، މާލެއިން ބޭރުގައި އެންމެފަހުން މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި މެޗުތައް ކުޅުނީ ކުޅުދުއްފުއްޓާއި އައްޑޫގައެވެ.

މިއީ މާލޭން ބޭރުގައި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް ކުޅޭ ތިންވަނަ ފަހަރެވެ. ސަރުކާރުގެ ހަރަދުގައި އަލިފުށީގައި އެޅި ޓާފް ދަނޑު ނިމުނުކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހުގައެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.