ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން އެއްވަރުވެގެން ނިމުނުއިރު ރެއާލް މެޑްރިޑް ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ބާސާ އެއްވަރުވީ ރަށުންބޭރުގައި ގްރަނާޑާ އަތުން 1-1 ގެ ނަތީޖާއަކުންނެވެ. އަދި ރެއާލް މޮޅުވެ އެއްވަނައިގައި ލީޑު ފުޅާކުރީ ވެލެންސިއާ 4-1 އިން ބަލިކޮށްގެންނެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑު އޮތީ ދެވަނައިގައި އޮތް ސެވިއްޔާ އަށްވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 49 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ސެވިއްޔާ އޮތީ ކުޅުނު 19 މެޗުން 41 ޕޮއިންޓާއެކު އެވެ.

ތާވަލުގެ ތިންވަނައިގައި ރެއާލް ބެޓިސް އޮތީ 19 މެޗުން 33 ޕޮއިންޓާއެކު އެވެ. އެންމެފަހުގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑު އޮތީ ހަތަރުވަނައިގައި އޮތް ރެއާލް ސޮސެއިޑާޑް އާއި ޖެހިގެން ފަސްވަނަ މަގާމުގައެވެ.

ގްރަނާޑާ ދަނޑުގައި ރޭ ކުޅުނު މެޗުގެ އަށް ވަަނަ މިނިޓްގައި ބާސެލޯނާގެ ލޫކް ޑި ޔޯން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑއްގެ ގޮތުގައެވެ. މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ވެސް އޭނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ 56 ވަނަ މިނެޓުގައެވެ.

މެޗުގެ ފަހުކޮޅު ބާސެލޯނާއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ރީނދޫ ކާޑާއެކު ގަވީ އަށް ރަތްކާޑު ދެއްކުމުންނެވެ. އޭގެ ފައިދާ ނަގައިން ގްރަނާޑާ އިން ނަތީޖާ އެއްވަރުކުރީ އެ ކާޑު ދެއްކިތާ މާގިނައިރުތަކެއް ނުވެއެވެ. މި ލަނޑު ކާމިިޔާބުކޮށްދިނީ އެންޓޯނިއޯ ޕުއެޓާސް އެވެ.

ރެއާލް މެޑްރިޑު މޮޅުވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުންނެވެ. މި މެޗުގައި ރެއާލްގެ ކަރިމް ބެންޒެމާގެ ލަނޑުން ލީޑު ނެގިއިރު ދެވަނަ ހާފުގެ ކުރީކޮޅު ވިނިޝަސް ޖޫނިއާ ދެވަނަ ލަނޑު ޖަހައިދިނެވެ. އަދި ތިންވަނަ ލަނޑުވެސް ޖަހައިދިނީ އޭނާ އެވެ.

ވެލެންސިއާ އިން ގޯލު ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ ގޮންކާލޯ ގުއޭޑޭޝް ޖެހި ޕެނަލްޓީ އަކުންއެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ބެންޒެމާ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު