ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް ޖީގައި ކުޅުނު ފުރަތަމަ މެޗުތައް ބިގަލޯސް އާއި ސީކޭ ކާމިޔާބުކޮށްފިއެވެ.

ބިގަލޯސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ކުލަބް އޯވަންއޯ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. އަދި ސީކޭ މެޗު ކާމިޔާބުކޮށްފައިވަނީ ބުރު ސްޕޯޓްސް ކުލަބާއި ވާދަކޮށް 4-1 އިންނެވެ.

ބިގަލޯސް މެޗުގައި އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ސާމިން މުހައްމަދު ނަސީރެވެ. އަދި އޯވަންއޯ ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ތޯއިފް ގާސިމެވެ.

ސީކޭ މޮޅުވި މެޗުގައި އެ ޓީމު ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން އަހުމަދު ލިޔާހު ދެ ލަނޑު ކާމިޔާބުކުރި އިރު އަލީ އިފާޒު އަދި ހަމްދޫން ވަނީ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކޮށްފައެވެ.

ބިގަލޯސް މޮޅުވި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

ގަދަ 16 ގެ މެޗުތައް 4 ފެބްރުއަރީގައި ކުޅުމަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 5 ގައެވެ. އަދި ސެމީފައިނަލް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.