ލިބޭ މަޅި ފުޓްސަލް ޗެލެންޖުގައި ކުލަބް ޖީޑީއެފް އާއި ޓީވައިޕީ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ދެ ޓީމުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ ކުލަބް ޖީޑީއެފް ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ފަސްގަނޑު އެފްސީއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕް އޭގައި ހިމެނޭ ޓީވައިޕީ ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ރޭންޖާސް އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.

ކުލަބް ޖީޑީއެފް ކުޅުނު ފުރަތަމަ މެޗުގައި ވަނީ 16-1 ގެ ނަތީޖާއަކުން އެފްސީ ލެވެލް އަތުން ބަލިވެފައެވެ. އަދި ޓީވައިޕީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ މަސްއޮޑި ޓައިޓަންސް އަތުން ބަލިވެފައެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

ގަދަ 16 ގެ މެޗުތައް 4 ފެބްރުއަރީގައި ކުޅުމަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 5 ގައެވެ. އަދި ސެމީފައިނަލް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.