ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގައި ލޮރެންޒޯ ހަޔެނާސް ފަސޭހަކަމާއި އެކު ބަލިކޮށް ޓީއެފްޓީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ އެއް ފެވަރިޓުންގެ ގޮތުގައި ބެލެވޭ ޓީއެފްޓީ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ލޮރެންޒޯ ހަޔެނާސް 5-2 އިން ބަލިކޮށްގެންނެވެ.

މި މޮޅާއި އެކު މުބާރާތުގެ ސެމީފައިނަލުގައި ޓީއެފްޓީ ބައްދަލުކުރަން ޖެހޭނީ ކުއާޓާފައިނަލުގެ ދެވަނަ މެޗުގައި އެފްސީ ލެވެލް އަދި ކުލަބް އޯވަންއޯ ކުޅޭ މެޗުން މޮޅުވާ ޓީމަކާއި އެވެ.

ލޮރެންޒޯ އާއި ޓީއެފްޓީ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޓީއެފްޓީ މޮޅުވި މި މެޗުގައި އެ ޓީމުގެ ލަނޑުތަކުގައި އިސްމާއީލް ވަޖީހު (ވައްޖެ) ވަނީ ހެޓްރިކެއް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ އޭނާ އެވެ. އޭނާ ހެޓްރިކް ހެދިއިރު އެ ޓީމަށް ދެން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާން (ޝާކާ) އެވެ.

މި މެޗުގައި ލޮރެންޒޯގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އިރުފާން އާދަމް ނަސީމް އާއި މުހައްމަދު ޔަފާއު އެވެ. މީގެއިތުރުން ވެސް އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ޓީއެފްޓީން ވަނީ ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ހާއްސަކޮށް ޝާކާ އާއި ހުސެއިން ޝަރީފް (އޮންލީ) ތަނަވަސްކޮށްދިން ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ދެނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

ގަދަ 16 ގެ މެޗުތައް 4 ފެބްރުއަރީގައި ކުޅުމަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 5 ގައެވެ. އަދި ސެމީފައިނަލް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.