ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގައި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު އެފްސީ ލެވެލް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް އޯވަންއޯ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލަށް އޯވަންއޯ ދަތުރުކުރީ އެފްސީ ލެވެލް 3-1 އިން ބަލިކޮށްގެންނެވެ. މި ނަތީޖާއާއި އެކު ލެވެލް ވަނީ މުބާރާތުން ކަޓާފަައެވެ.

މެޗުގެ ފުރަތަމަ ހާފު ދެ ޓީމުވެސް ވާދަވެރިކޮށް ފެށި ނަމަވެސް ޓީމެއްގެ ސިފައިގައި ވަރުގަދަ ކުލަބް އޯވަންއޯ ދިޔައީ ވަގުތު ދިޔަ ވަރަކަށް މެޗުގެ ކޮންޓްރޯލް ނަގަމުންނެވެ. އަނެއްކޮޅުން އެފްސީ ލެވެލްގެ ނުރައްކާތެރި ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) ހުއްޓުވުމުގައި ރަނގަޅު ދައުރެއް އަދާކުރިއެވެ.

ލެވެލް އާއި އޯވަންއޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކުލަބް އޯވަންއޯ ގެ އިސްމާއީލް މުނީޒް ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާ އެފްސީ ލެެވެލް ހާސްކޮށްލާފައެވެ. މި ލަނޑުތައް ޖެހުމުގައި އިބްރާހިމް އަސްވަދު (ގަބޭ) ގެ ދައުރު ފާހަގަކޮށްލެވެއެވެ. އޭގެފަހުން ގަބޭ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ވެސް ޖެހުނެވެ.

އޭގެފަހުން އެފްސީ ލެވެލް ވަނީ ހާފް ނިމެން ގާތްވެފައި ވަނިކޮށް ލަނޑެއް ޖަހާފައެވެ. މިއީ އަލީ ހާފިޒް (ހާއްޕެ) އަރިމަތިން އޭރިއާ ތެރެއަށް ވަންނަމުން ދިޔަ އަބްދުﷲ ރަޝީދު (ޕެލޭ) އަށް ދިން ބޯޅައެއް އޭނާ އޭރިއާ ތެރެއަަށް އެ ބޯޅަ ފޮނުވާލައިގެން އިސްމާއިލް އީސާ (މެސީ) ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެފަހުން އެފްސީ ލެވެލްގެ ހުޒެއިފަތު ރަޝީދު (ހުޒޭ) ވަރަށް ރީތިކޮށް އޯވަންއޯގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އަރިމަތިން ކުރިޔަށް އަރާ އޭރިއާ ތެރެއަށް ވަންނަމުން ދިޔަ ހާއްޕެ އަށް ރީތި ބޯޅައެއް ހުސްކޮށް ދިން ނަމަވެސް އެ ބޯޅަ ރަނގަޅަށް އޭނާައަށް ފޮނުވާލެވޭ ގޮތެއް ނުވެއެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުތަކުގެ ތެރޭގައި ހިސާމް ސަލީމް ވަނީ އޯވަންއޯގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަައެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް އޯވަންއޯ ދަތުރުކޮށްފައިވަނީ ގަދަ 16 ގައި އެންމެފަހުގެ މި މުބާރާތުގެ ޗެމްޕިއަން މަސްއޮޑި ޓަައިޓަންސް ބަލިކުރުމަށްފަހު އެވެ. އަދި އެ ޓީމަކީ މި މުބާރާތުގައި މިވަގުތު އެންމެ ރަނގަޅު ފޯމުގައި އޮތް ޓީމުތަކުގެ ތެރޭގައި ހިމެނޭ އެއް ޓީމެވެ.

ދެވަނަ ހާފު އެފްސީ ލެވެލް ފެށީ ވަރުގަދަކޮށް ކުރިޔަށް ޖެހިގެންނެވެ. ކުރިޔަށްޖެހި ތަނަވަސްކުރި ފުރުސަތުތަކުން ހުޒޭއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. މި ހާފު ފަށައިގެން ލެވެލްގެ ހަމަލާތަކުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ފެނިގެންދިޔައީ ހުޒޭ އެވެ.

މި ނަތީޖާއާއި އެކު މުބާރާތުގެ ސެމީފައިނަލުގައި އޯވަންއޯ ބައްދަލުކުރަން ޖެހޭ އެއް ޓީމަކީ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި ލޮރެންޒޯ ހަޔެނާސް ބަލިކުރި ޓީއެފްޓީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ސިއާދު އަށް ޓްރޮފީ ދެނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

ގަދަ 16 ގެ މެޗުތައް 4 ފެބްރުއަރީގައި ކުޅުމަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 5 ގައެވެ. އަދި ސެމީފައިނަލް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ