ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގެ ތިންވަނަ މެޗުގައި ފަރުމަތި ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ކުލަބު ޓީއެންޓީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލަށް ޓީއެންޓީ ދަތުރުކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާއި އެކު 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފަރުމަތި ޓީމުން ދިޔައީ މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅު ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކޮށްފައެވެ. ޓީމެއްގެ ސިފައިގައި ފަރުމަތި ވަރުގަދަކޮށް ފެނުނުއިރު ޓީއެންޓީ އަށް ލިބުނު ފުރުސަތުތަކުގައި ކައުންޓާ އެޓޭކުތަކުގައި ކުރިޔަށް އަރަން މަސައްކަތް ކުރި ނަމަވެސް ފަރުމަތި ޓީމު ފެނުނީ ވަރަށް އޮގަނައިޒްކޮށެވެ.

ޓީއެންޓީ ޓީމުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޓީއެންޓީ ޓީމުގެ ހަމަލާތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އިބްރާހިމް އަތީގު (އިއްބެ) ދިޔައީ ލިބުނު ފުރުސަތުތަކުގައި ނުރައްކާކުރަމުންނެވެ. އަދި އިބްރާހިމް ހަމްދާން (ހަމްދާން) ވެސް އުފެއްދި ރަނގަޅު ފުރުސަތެއްގައި ފޮނުވާލި ބޯޅަ އަމާޒުވީ ފަރުމަތި ކީޕަރު އަހުމަދު ނަވާޒުގެ އަތަށެވެ.

ޓީއެންޓީ އިން ކުރިޔަށްޖެހުނު ވަގުތުތަކުގެ ފައިދާ ފަރުމަތި ޓީމުން ނެގީ ރަނގަޅަށެވެ. އަލީ ނާހިލް ހުސްކޮށް ދިން ބޯޅައެއް ރީތިކޮށް ޗިޕެއް ޖަހާލުމަށްފަހު ފޮނުވާލައިގެން އެ ފަރުމަތި ޓީމުގެ ނަޝާހު އަހުމަދު ލީޑުނެގިއެވެ. ނަމަވެސް އެ ލީޑު މާ ގިނައިރަކަށް ހިފަހައްޓާލެވޭ ގޮތް ނުވިއެވެ.

އޭގެފަހުން ޓީއެންޓީ އުފެއްދި ހަމަލާާއެއްގައި ރިމާހު އަހުމަދު ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އިބްރާހިމް އަތީގު އަރިމަތިން އޭރިއާ ތެރެއަށް ދިން ބޯޅައެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ޓީއެންޓީއަށް ލީޑުނަގާނެ ރަނގަޅު ފުރުސަތެއް އިއްބެ އަށް ލިބުނެވެ. ހަމްދާން ވަރަށް ރީތިކޮށް ތިރިތިރިން އޭރިއާ ތެރޭގައި ހުރި އިއްބެ އަށް ބޯޅަ ދިން ނަމަވެސް އޭނާއަށް އެ ބޯޅަ ފޮނުވާލެވުނީ މާ މަތިންނެވެ. އޭގެފަހުން ޓީއެންޓީން ލަނޑުޖަހަން މަސައްކަތްކުރަން ލިބުނު ފުރުސަތުތަކުގައި އިއްބެ ވަނީ އެ ޓީމަށް ލީޑުނަގައިދީފައެވެ. ކީޕަރު ކުރިޔަށް އަރާ ހުރި ދަނޑިވަޅުގައި އިއްބެ މި ބޯޅަ ފޮނުވާލީ ފަސޭހަކަމާއި އެކުގަައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިއްބެ އަށް ޓްރޮފީ ހަވާލުކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ޓީއެންޓީގެ އިބްރާހިމް އަތީގު (އިއްބެ) އެވެ. މި މޮޅާއެކު ސެމީފައިނަލުގައި ކުލަބް ޓީއެންޓީ ބައްދަލުކުރަން ޖެހޭނީ ކުއާޓާފައިނަލުގައި ބިގަލޯސް އަދި ރެމްޕޭޖް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

ގަދަ 16 ގެ މެޗުތައް 4 ފެބްރުއަރީގައި ކުޅުމަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 5 ގައެވެ. އަދި ސެމީފައިނަލް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ