ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގެ ފަހު މެޗުގައި ވަރުގަދަ ރެމްޕޭޖް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ބިގަލޯސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލަށް ބިގަލޯސް ދަތުރުކޮށްފައިވަނީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަަކާއި އެކު 4-1 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި މިދިޔަ އަހަރުވެސް ރެމްޕޭޖް ކަޓާފައިވަނީ ކުއާޓާފައިނަލުންނެވެ.

މެޗު ފަށައިގެން ދެ ޓީމުންވެސް ފެނުނީ ވާދަވެރިކޮށެވެ. ހާއްސަކޮށް ރެމްޕޭޖް ޓީމުން މަސައްކަތްކުރީ ބޯޅަ ގިނަވަގުތު ހިފަހައްޓައިގެން ހަމަލާ އުފެއްދުމަށެވެ. އެ ޓީމުގެ ހުސެއިން އަފްސަލް (އޮޒިލް) ގެ ދައުރު މި މެޗުގައި ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.

އޮޒިލް ކައިރިން ބޯޅަ ހޯދަން ބިގަލޯސް ކުޅުންތެރިން މަސައްކަތްކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުރިޔަށްއަރާ އުފައްދަން މަސައްކަތްކުރި ފުރުސަތުތަކުން އެ ރެމްޕޭޖް ލީޑު ނެގިއެވެ. އިނާން އަހުމަދު ދިން ރީތި ބޯޅައަކުން އޮޒިލް މި ލަނޑު ކާމިޔާބުކޮށްފައިވަނީ އިތުބާރާއެކު އެވެ.

ބިގަލޯސް ޓީމުން ދިޔައީ މެޗުގެ ވަގުތު ދިޔަ ވަރަކަށް މަޑުމަޑުން ބޯޅައިގެ ކޮންޓްރޯލް ހިފަހައްޓާ ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ބިގަލޯސް އަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރެއްގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބިގަލޯސް އިން ލީޑުނަގާފައިވާއިރު މިއީ ޝާއްޕެ ދިން ރީތި ބޯޅައަކުން އޭރިއާ ތެރެއަަށް ވަން ސާމިން މުހައްމަދު ނަސީރު ފޮނުވާލި ބާރު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

ރެމްޕޭޖް އަށް ލިބޭ ފުރުސަތުތައް އެ ޓީމަށް ދިޔައީ ބޭނުން ނުކުރެވުމުންނެވެ. މެޗުގައި ބިގަލޯސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޔާމިން މުހައްމަދެވެ. އަދި މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ޔާމިން މުހައްމަދު ވަނީ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝާއްޕެ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނުޝާއްޕެ އަށް އިނާމުދެނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ނަތީޖާއާއި އެކު މުބާރާތުގެ ސެމީފައިނަލުގައި ބިގަލޯސް ބައްދަލުކުރަން ޖެހޭ ޓީމަކީ ކުއާޓާފައި ފަރުމަތި ބަލިކޮށް ސެމީން ޖާގަ ހޯދި ޓީއެންޓީ އާއެވެ.

މިއާއި އެކު މުބާރާތުގެ ސެމީފައިނަލުގައި ބައްދަލުކުރަން ޖެހޭ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ.

ސެމީފައިނަލް

8:30 - ކުލަބް އޯވަންއޯ - ޓީއެފްޓީ

9:30- ބިގަލޯސް - ކުލަބް ޓީއެންޓީ

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

މުބާރާތުގެ ސެމީފައިނަލް މެޗުތައް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ