ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ސެމީފައިނަލުގައި ވަރުގަދަ ކުލަބް އޯވަންއޯ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީއެފްޓީ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީއެފްޓީ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އޯވަންއޯ 4-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މެޗު ފަށައިގެން ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކުލަބް އޯވަންއޯ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ މެދުތެރޭގައެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ކުލަބް އޯވަންއޯގެ ހިސާން ސަލީމް (ކޮކީ) ވައްޓާލިކަމަށް ނިންމާ ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އޯވަންއޯ އަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ.

މި ލަނޑަށްފަހު ޓީއެފްޓީ ރަނގަޅަށް މެޗުތެރެއަށް ނުވަދެވި އުޅެނިކޮށް އޯވަންއޯ އިން ދެވަނަ ލަނޑެއް ޖެހިއެވެ. މިއީ އޯވަންއޯ އިން އެޓޭކަށް އެރި ދަނޑިވަޅު އޭރިއާ ތެރެއަށް ފޮނުވާލި ބޯޅައެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ހުސެއިން ޝަރީފް (އޮންލީ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޓީއެފްޓީ އާއި އޯވަންއޯ ބައްދަލުކުރި މެޗުގެ ތެރެއިިން-- ވަގުތު އިމޭޖަސް އިބްރާހިމް ޝާބިލް

ދެ ލަނޑުގެ ލީޑަކާއި އެކު އޯވަންއޯ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ޓީއެފްޓީން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށް ހަމަލާ އިތުރުކުރިއެވެ. ހާއްސަކޮށް ޓީއެފްޓީގައި ކުޅެމުން އަންނަ ދެބެއިން ކަމަށްވާ އަލީ ޝިޔާހް (ޝިޔަޅޭ) އާއި އަބްދުﷲ ޝައްފާން (ޝާކާ) ގެ ދައުރު ފާހަގަކޮށްލެވެއެވެ.

މި ހާފު ފަށައިގެން ގާތްގާތުގައި ޝާކާ ވަނީ ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ މާގިނައިރުތަކެއް ނުވެ ޝާކާ ދެވަނަ ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ގޯލުގެ ކަނަށް އަމާޒުކޮށް ތިރިތިރިން ފޮނުވާލި ބާރު ބޯޅައަކުންނެވެ.

މި ދެ ލަނޑާއި އެކު މެޗުގެ ފޯރި ވަރަށް ބޮޑަށް ގަދަވެގެންދިޔަ އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހާޒިރުގައި ކުޅުނު މި މެޗުގައި އޯވަންއޯ އިން ވަނީ ޓީއެފްޓީގެ ފަހަތުން ލިބުނު ޖާގައެއްގެ ފައިދާ ނަގައިގެން އަނެއްކާވެސް ލީޑުނަގާފައެވެ. މި ލަނޑު މުހައްމަދު ޒަޔާން މުލާޒް ކާމިޔާބުކުރި އިރު ކައިރީގައި އޭނާ ރަނގަޅަށް މާކުކޮށްފައެއް ނުވެއެވެ.

ޓީއެފްޓީ ސަޕޯޓަރުންނާއި އެކު ޝާކާ-- ވަގުތު އިމޭޖަސް އިބްރާހިމް ޝާބިލް

އޭގެފަހުން ޓީއެފްޓީ ޓީމެއްގެ ސިފައިގައި އިތުރަށް ވަރުގަދަވިތަން ފެނިގެންދިޔަ އެވެ. އަދި އެ ޓީމުން ވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ގޯލު ކުރިމަތިންް ޝިޔަޅޭ އަށް ލިބުނު ބޯޅައެއްގައި ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ކާމިޔާބުކުރި މޮޅު ލަނޑެކެވެ.

ފަސް ފައުލު ހަމަވެގެން ދެން ކުރާ އިތުރު ފައުލަކަށް ލިބެނީ ދުރު ޕެނަލްޓީއެކެވެ. އެގޮތުން އޯވަންއޯ އިން ފަސް ފައުލް ހަމަކޮށް ޓީއެފްޓީއަށް ލިބުނު ދުރު ޕެނަލްޓީ ޝާކާ ކާމިިޔާބުކުރީ އިތުބާރާއެކު އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ތިރިތިރިން ގޯލުގެ ކަނަށެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝާކާއަށް ޓްރޮފީ ހަވާލުކުރަނީ

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދިޔައީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ. ފައިނަލުގައި ޓީއެފްޓީ އާއެކު ބައްދަލުކުރާނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ޓީއެންޓީ އަދި ބިގަލޯސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ