ފައިނަލުގައި ބްރެޒިލްގެ ޕަލްމެއިރާސް ބަލިކޮށް ފީފާ ކުލަބް ވޯލްޑްކަޕުގެ ޗެމްޕިއަންކަން އިނގިރޭސި ކުލަބް ޗެލްސީން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

އެކުވެރި އަރަބި އިމާރާތުގައި ކުޅުނު ފައިނަލް މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ޗެލްސީ ހޯދީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ 117 ވަނަ މިނެޓުގައި ކައި ހަވެޓްޒް ކާމިޔާބުކުރި ޕެނަލްޓީންނެވެ.

ލަނޑު ޖެހުމަށްފަހު ކައި ހަވެޓްސް އުފާފާޅުކުރަނީ

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޗެލްސީންނެވެ. މި ލަނޑު ދެވަނަ ހާފު ފަށައިގެން ދިހަ މިނެޓުފަހުން ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ ހަޑްސަން އޮޑޯއި ނަގައިދިން ހުރަހަކުން ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް މި ލަނޑު ޖެހިތާ ނުވަ މިނެޓުފަހުން ޕަލްމެއިރާސް އަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުގެ ރަފައެލް ވެގާ ނަތީޖާ ހަމަހަމަކޮށްދިނެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ތިއާގޯ ސިލްވާ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު ނަތީޖާ ހަމަހަމަވުމުން ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ. ޗެލްސީން މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ އިތުރުވަގުތުގެ 27 ވަނަ މިނެޓުގެ ތެރޭގައެވެ. މިއީ ޕަލްމެއިރާސް ގެ ލުއާން އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި ކައި ހަވެޓްޒް ކާމިޔާބުކުރި ލަނޑެކެވެ. ހަވެޓްސޒް އަކީ ޗެލްސީއަށް ޗެމްޕިއަންސް ލީގު ހޯދައިދިން ފައިނަލުގައި ވެސް ލަނޑުޖެހި ކުޅުންތެރިޔާއެވެ.

މެޗުގައި ޗެލްސީން ގިނަވަގުތު ބޯޅަ ހިފަަހައްޓައިގެން ކުޅުނު ނަމަވެސް ދެކުނު އެމެރިކާގެ ޗެމްޕިއަން ޕަލްމެއިރާސްގެ ޑިފެންސްލައިން ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ.

މިއީ ޗެލްސީގެ ތާރީހުގައި ބޮޑު ކާމިޔާބީއެކެވެ. އެ ޓީމުގެ ވެރިއަކަށް ރޯމަން އަބްރަމޮވިޗް ހަވާލުވި ލިބުނު މި ތައްޓާއެކު ޗެލްސީ މިހާތަނަށް ހުރިހާ ޓްރޮފީއެއް ވަނީ ހާސިލުކުރެވިފައެވެ.