ޗެލްސީ ވިއްކާލަން އެ ކުލަބުގެ ވެރިޔާ ރަޝިޔާގެ ރޯމަން އަބްރަމޮވިޗް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހަފްތާ ނިމުމުގެ ކުރިން ޗެލްސީއަށް ހުށަހެޅުންތައް ލިބޭނެ ކަމަށް ބެލެވޭއިރު، މަދުވެގެން ތިން ފަރާތަކުން ޗެލްސީ ގަތުމަށް ޝައުގުވެރިވާ ކަމަށްވެއެވެ.

މިދިޔަ ހަފްތާގައި ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން އަބްރަމޮވިޗްއަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އިނގިރޭސިން ވަނީ އަޅާފައެވެ. އެގޮތުން އެ ގައުމުގައި ނުހުރެވޭނެކަމަށް ނިންމުމާއި ގުޅިގެން އޭނާ ވަނީ ޗެލްސީގެ ހިންގުން ކުލަބުގެ ފައުންޑޭޝަނަށް ހަވާލުކޮށްފައެވެ.

އަބްރަމޮވިޗް ޗެލްސީ ދޫކޮށްލާއިރު އޭނާ ވަނީ 20 ވަރަކަށް އަހަރު ކުލަބުގެ ވެރިޔާގެ މަގާމު އަދާކޮށްފައެވެ. ނަމަވެސް ރަޝިޔާގެ ރައީސް ޕުޓިން އާއި ގާތް ގުޅުމެއް އޮންނަކަމަށް ބުނެ އިނގިރޭސީން އޭނާއަށް ފިއްތުން ކުރިމަތިކުރުވި އެވެ.

ޗެލްސީ ދޫކޮށްލަން އަބްރަމޮވިޗް ނިންމިއިރު އޭނާ އެ ކުލަބުގައި ހޭދަކުރި މުއްދަތުގައި މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދައިދީފައެވެ. އަދި ކުލަބު އޮތީ ރަނގަޅު ހާލަތެއްގައެވެ.