ޔޫކްރެއިނުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޗައިނާގެ ބެއިޖިންގައި މިއަދު ވިންޓާ ޕެރަލިމްޕިކްސް އިން ރަޝިޔާ އާއި ބެލަރޫސް ބޭރުކޮށްލައިފިއެވެ.

އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން މި ނިންމުން ނިންމީ ރަޝިޔާ އާއި ބެލަރޫސް މުބާރާތުން ބޭރުކޮށްލުމަށް އެދި ގިނަ ބަޔަކު ޕްރެޝަރުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ބުރާސްފަތި ދުވަހު އައިޕީސީން މި ނިންމުން ނިންމިއިރު، ދެ ގައުމުގެ އެތްލީޓުންނަށް އަދިވެސް ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް އެ ޖަމާއަތުން ހާމަކުރެއެވެ. އެއީ "ނިއުޓްރަލް" ނުވަތަ ވަކި ގައުމެއްގެ ނަމުގައި ނޫން ގޮތަކަށެވެ.

މި ނިންމުމާއި ގުޅޭގޮތުން އައިޕީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ މިވަގުތަށް އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު ކަމަށެވެ.

އައިޕީސީން މި ނިންމުން ނިންމިއިރު ގޭމްސް ފަށަން އޮތީ 24 ގަޑިއިރެވެ. މިފަހަރުގެ ވިންޓާ ޕެރަލިމްޕިކްސް ގައި ރަޝިޔާއާއި ބެލަރޫސް އިން 83 އެތްލީޓުން ވަނީ ބައިވެރިވެފައެވެ. މި ނިންމުމާއެކު މި ހުރިހާ އެތްލީޓުން ވަނީ އެނބުރި އަމިއްލަ ގައުމަށް ދާން ޖެހިފައެވެ.

"މި ނިންމުން ނިންމީ ދެ ގައުމުގެވެސް ސަލާމަތާއި ރައްކަލަށް، އަދި ޔޫކްރެއިންގެ ހަމަނުޖެހުންތަކާއި ވެސް މިކަން ވަނީ ގުޅިފައި، ދެ ގައުމުގެ ދިދައާާއެކު އެތްލީޓުން ވިލެޖުގައި އިތުރު މައްސަލަތަކެއް ޖެހުނަ ނުދިނުމަށް މިއީ މިވަގުތަށް މުހިއްމު ފިޔަވަޅެއް" އައިޕީސީގެ ރައީސް ވިދާޅުވިއެވެ.

އައިޕީސީން މި ދެ ގައުމަށް ފިޔަވަޅު އެޅިއިރު ފުޓުބޯޅަ، އެތްލެޓިކްސް، ބާސްކެޓްބޯލް، ހޮކީ ފަދަ ކުޅިވަރުތަކުން ވަނީ މި ދެ ގައުމަށް ފިޔަވަޅުއަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު