ޗެލްސީ ވިއްކާލުމުގެ މަސައްކަތް ކުރުމަށް ހާއްސަ ހުއްދައެއް ޔޫކޭ ސަރުކާރުން ބިލިއަނަރު ރޯމަން އަބްރަމޮވިޗް އަށް ދީފިއެވެ.

އަބްރަމޮވިޗް އާއި ޔޫކޭ ސަރުކާރުން ވަނީ މިދިޔަ ހުކުރުދުވަހު ހާއްސަ މަޝްވަރާތަކެއް ބާއްވާފައެވެ. މި ނިންމުން އައީ އެ މަޝްވަރާތަކުގެ ތެރެއިންނެވެ.

ސަރުކާރުން ޗެލްސީއަށް އަޅާފަައިވާ ހަރުކަށި ފިޔަވަޅުތަކާއި ސްޕޮންސަރުން ކުލަބު ދޫކޮށްލަން ފެށުމާއި އެކު އެ ކުލަބަށް މި ސީޒަން ނިމިދާނެކަމާއި މެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެންމެ ފުރަތަމަ ޔޫކޭ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަބްރަމޮވިޗް އަށް އެއްވެސް ވިޔަފާރި މުއާމަލާތެއް ނުކުރެވުމާއި އެކައުންޓުތައް ފްރީޒްކުރުން ހިމެނެއެވެ.

މީގެއިތުރުން ޗެލްސީގެ ޓިކެޓް ސޭލުން އެއްވެސް މިންވަރެއް ބޭނުންކުރުން މަނާ ކުރުމާއި ޗެލްސީގެ ބޭންކު އެކައުންޓް ވަނީ ސަސްޕެންޑުކޮށްފައެވެ. މިގޮތަށް ނިންމުމާއި ގުޅިގެން ކުލަބުގެ ސްޓާފުންނަށް މުސާރަ ދެވިދާނެ ކަމާއި މެދުވެސް ވަނީ ސުވާލުއުފެދިފައެވެ.

ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ "ތްރީ" އިން ވެސް ވަނި ޗެލްސީއާއި އޮތް ގުޅުން ކަނޑާލާފައެވެ. އަދި ޖާރޒީ އިން ލޯގޯ ނެގުމަށްވެސް އެ ކުލަބަށް ވަނީ އަންގާފައެވެ. އޭގެފަހުން ޖާރޒީ ސްޕޮންސަރ ނައިކީ އިން ވެސް އެއްބަސްވުން ހުއްޓާލަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ސަރުކާރުން އަބްރަމޮވިޗް އަށް ދީފައިވަނީ ހަފްތާއެއްގެ މުހުލަތެކެވެ. މި މުއްދަތުގެ ތެރޭގައި ކުލަބު ވިއްކާލުމުގެ ކަންކަން ކުރިޔަށްގެންދެވޭނެ ކަމަށްވެސް އިނގިރޭސި ސަރުކާރުން ބުނެއެވެ.

އިނގިރޭސި ބިލިއަނަރު ނިކް ކޭންޑީ ވަނީ އެ ކްލަބަށް ބިޑް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާކަން ކަށަވަރުކޮށްދީފަ އެވެ. އުމުރުން 49 އަހަރުގެ ޕްރޮޕަޓީ ޑިވެލޮޕަރ ބުނީ އެމެރިކާގެ އިންވެސްޓަރުންނާ ގުޅިގެން ޗެލްސީގެ މުސްތަގްބަލް ކުރަހާލެވިގެން ދާނެކަމަށް ބުނެފައެވެ.