ނަމުގެ ކުރިޔަށް "ނިއު" ނެތް ނަމަވެސް ރޭޑިއަންޓަކީ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ ނަމެކެވެ. ރާއްޖޭގެ މަޝްހޫރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ވުޖޫދުވީ 1979 ގައެވެ. އޭގެކުރިން ރޭޑިއަންޓަކީ ހެންވޭރަށް ނިސްބަތްވާ މަސްވެރިން އުފެއްދި ޓީމެކެވެ.

އޭރު ރާއްޖޭގައި މަޝްހޫރު ހޮކީގައި ރޭޑިއަންޓަކީ ފާހަގަކޮށްލެވޭ ނަމެކެވެ. މަސްވެރިންގެ އިސްނެގުމުގެ މަތިން އުފެއްދި ހޮކީ ޓީމަކީ އޭރު މާލޭގައި އޮތް އެންމެ ވަރުގަދަ ޓީމެވެ. ނަމަވެސް ފަހުން އުފެދުނު މައްސަލަތަކާއި ހެދި ރޭޑިއަންޓް ވަޅުޖެހުނެވެ.

ރޭޑިއަންޓް ކުލަބުގެ ތެރެއިން ދެން އުފަންވީ ނިއު ރޭޑިއަންޓެވެ. އޭގެފަހުން ކުލަބުގެ ހިންގުން ދިޔައީ ކުއީން އަހުމަދު ވަހީދުގެ އަތްމައްޗަށެވެ. މިހާރު ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. ނަމަވެސް ވުޖޫދުގައެއް އެ ކުލަބު މިހާރަކު ނެތެވެ. އެއީ ދަރަނި ބޮޑުވެ، އެ ދެއްކޭނެ ފަސޭހަ ގޮތެއް ނެތުމުންނެވެ.

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ނިއުރޭޑިއަންޓް މިހާރު ނެތުމަކީ ކުލަބުގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްދަތިކަމަކަށެވެ. ކުލަބުގެ 6.5 މިލިއަން ރުފިޔާގެ ބިޔަ ބޮޑު ދަރަނި އަދާކުރަން ސަޕޯޓަރުންނަށް ކުރެވުނު ކަމެއް ކޮށްފިއެވެ. ނަމަވެސް ކޯޗުންނާއި ބިދޭސީ ކުޅުންތެރިންގެ މުސާރަ އޮތީ އަތްފޯރާ ހިސާބަށްވުރެ މަތީގައެވެ. ކުޅިވަރުން މިވަގުތު ނިއުރޭޑިއަންޓް އޮތީ ސަސްޕެންޑުކޮށްފައެވެ. ކިރިޔާވެސް އެނބުރި ކުޅުމުގެ ތެރެއަށް އާދެވެން އޮތީ އެ ފައިސާ އެއްކޮށް ދައްކައިގެންނެވެ.

އެހެންކަމުން ކުލަބުގެ އިސް ސަފުގައި ތިބި ބަޔަކު އިސްނެގީ އެ ލެގަސީ ދެމެހެއްޓޭނެ އެހެން ގޮތެއް ހޯދުމަށެވެ. އެ ހޯދި ހޯދުމުން މިހާރު "ރޭޑިއަންޓް ސްޕޯޓްސް ކުލަބު" ވަނީ ރަޖިސްޓްރީކޮށްފައެވެ. ކުލަބުން މިހާރު ތައްޔާރުވަނީ އިސްވެރިން އައްޔަނުކޮށް ފުޓުބޯޅައިގެ މައިދާނުގެ ތެރެއަށް ނިކުތުމަށެވެ.ނިއުރޭޑިއަންޓްގެ ލެގަސީ ދެމެހެއްޓުމުގެ މަސައްކަތް އަލުން ފެށުމަށެވެ.

"ވަރަށް މަސައްކަތްކުރިން ނިއުރޭޑިއަންޓް ކޮޅަށް ޖެހޭތޯ، އެކަމަކު އެއީ ވަރަށް ބޮޑު މަސައްކަތެއް، ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އަނބުރާ ފަސޭހައިން ނުލިބޭނެކަން ޔަގީންވި ހިސާބުން އާ ކުލަބެއް އުފެއްދުމުގެ ވިސްނުން އައީވެސް، ކުރިޔަށް އަދި ބޮޑެތި މަސައްކަތްތަކެއް އެބަހުރި" ވަގުތު އާއި ވާހަކަދެއްކި ކުލަބުގެ އިސް އޮފިޝަލަކު ބުންޏެވެ.

"ރޭޑިއަންޓް ނަން ފާސްކުރުން، ނިއު ރޭޑިއަންސް ވެސް ކިޔަން އުޅުނު"

ކޮމިޝަނަރ އޮފް ސްޕޯޓްސްގައި މިދިޔަ ބުރާސްފަތި ދުވަހު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ރަޖިސްޓްރީކުރި އިރު އެންމެ ބޮޑަށް ވިސްނި އެއް ކަމަކީ ނިއުރޭޑިއަންޓުގެ ނަމަށް އުނިކަމެއް އަތުވެދާނެ ނަމެއް ނުދިނުމަށެވެ. އިތުރު ނަންތަކަކަށް ވިސްނި ނަމަވެސް އެންމެ ރަނގަޅު ނަމަކަށް ފެނުނީ ރޭޑިއަންޓެވެ.

އެހެން ނަންތަކުގެ ތެރޭގައި "ނިއު ރޭޑިއަންސް" ނަން ވެސް މަޝްވަރާކުރެވިގެން ދިޔައެވެ. ނަމަވެސް އެ ނަމުގެ ސަބަބުން ނިއު ރޭޑިއަންޓުގެ ނަމަށް އުނިކަމެއް އަތުވެދާނެ ކަމަށް ކުލަބުގެ ފައުންޑަރުންނަށް ގަބޫލުކުރެވުނެވެ.

"ނިއު ރޭޑިއަންސް ނަން ވަރަށް އެއްގޮތް ނިއު ރޭޑިއަންޓާ، އެހެންވެ އެ ނަމަށް އުނިކަމެއް އަތުވެދާނެތީ ބޭނުން ނުވީ އެ ނަން ދޭން، ރޭޑިއަންޓުގައި ވެސް އޮންނާނީ ހަމަ ނިއުރޭޑިއަންޓާ އެއްގޮތް ކަންތައްތަކެއް" އޮފިޝަލް ބުންޏެވެ.

އަލަށް ފާސްކުރި ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ލޯގޯގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ ވެސް ނިއުރޭޑިއަންޓުގެ ލޯގޯއާއި އެއްކަހަލަ ލޯގޯއެކެވެ. ހުދު ބާޒާއި ނޫ ކުލައިގެ އެ ލޯގޯ ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ ފާސްކޮށްފައެވެ.


ރޭޑިއަންޓުގެ އަމާޒު ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ އުހަށް

ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މިހާރު މަސައްކަތްކުރަނީ މާރޗް 17 ވަނަ ދުވަހު އެ ކުލަބުގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް ބާއްވާ އިންތިހާބު ބޭއްވުމަށެވެ. މި އިންތިހާބުގައި އައްޔަނުކުރާ މަގާމުތަކަކީ ރައީސް، ނައިބު ރައީސް، ހަޒާންދާރު، ސެކްރެޓަރީ، އަދި ފަސް ބޯޑު މެމްބަރުންނެވެ.

މީގެއިތުރުން ކުލަބުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ހުރިހާ މަރުހަލާތަކަށް ފަހު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަމާޒަކީ ދިވެހި ފުޓުބޯޅައިގެ ތެރެއަށް އަލުން ނިކުތުމަށެވެ. އަދި ނިއުރޭޑިއަންޓުގެ އެ ކާމިޔާބީތައް ތަކުރާރުކުރުމަށެވެ.

"ވަރަށް ގިނަ ޕްލޭންތަކެއް އެބަހުރި މި ކުލަބުގައި، އެ ހުރިހާ މަސައްކަތެއްކޮށް އިރާދަކުރެއްވިއްޔާ މި ޓީމު ދިވެހި ފުޓުބޯޅައިގައި އަނެއްކާވެސް ރަސްކަންކުރާނެ ދުވަހެއް އެންމެ ބޮޑަށް ދެކެން ބޭނުންވަނީ" އޮފިޝަލް ބުންޏެވެ.

ރާއްޖޭގެ ފުޓުބޯޅައިގައި ރޭޑިއަންޓް ފަށަން ޖެހޭނީ ތިންވަނަ ޑިވިޝަނުންނެވެ. އަދި ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތިއަށް އަރަން އެ ކުލަބަށް އަހަރެއް ނުވަތަ ދެ އަހަރު ވަރު ނަގާނެއެވެ. އެހިސާބަށް ގޮސް ނިއުރޭޑިއަންޓުގެ އެ ކާމިޔާބީތަކުގެ އާ ސަފުހާތަކެއް ލިޔެވިގެންދިއުމަކީ ރޭޑިއަންޓުގެ އެންމެ ބޮޑު އެއް އަމާޒެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލިކޮއެ

    އެއްމެ 6 މިލިއަން ނުދެއްކިގެން ތިއުޅެނީ ދެން ކޮންޓީމް އެއް ހަދާކަށް

    28
    12
  2. Okay 123

    ޥީ ލަވް ނ ރޭޑިޔަންޓް❤️

    17
    9
  3. ޖަމީލް

    ތީގެން އެނގެނީ އެފް.އޭ.އެމް ގެ ކޮރަޕްޓް ވަރު ކޮންމެ ނަމެއް ކިޔަސް ނިއުރޭޑިއަންޓް ވާނީ ނިއުރޭޑިއަންޓް އަށް، 6 މިލިއަންގެ ދަރަނި އޮތް ބަޔަކު އެތަށް ކުޅުންތެރިންނަށް ލާރި ނުދީ ރާރިގަނޑު ކާލިބަޔަކު އަނެއްކާވެސް އެފުރުސަތު ތިޔަދެނީ އެނގިތިބެ އެވެ.

    23
    6
  4. ހުދުކާޅު

    ޓިމު އޮފިޝަލުންގެ ނަމެއްވެސް ނެތްތަ ؟ އަނެއްކާ ފައިސާ ފޭރޭ ސްކޭމެއްހެން ހާދަ ހީވެޔޭ؟ މިވަރުގެ ދިގު ލިއުމެއް ކިޔާ ނިއްމާލި އިރު މައްސޫލުވެރިޔެއް އޮފިސަލެއް އެއްވެސް މީހެއްގެ ނަމެއް ނުފެނުނު! ލަދުން ބުނަންނުކެރުނީތަ؟ މިވަރުން ކިހިނެއް ޓީމެއް ހިންގާނި؟

    19
    8
  5. މުޖޫ

    އެމްއެމްޕީއާރުސީ އިން ތިޔަ ކުލަބުގެ މަޖިލިސް މެންބަރަކު ދިޔާ އެއްޗެކޭ ކިޔާފަ، ގެންދިޔަ ފައިސާ ދަބަސް ވެސް އޮންނާނެ އެންނު. އެންމެ 6 މިލިޔަނަކީ ކޯންޗެއް ދެން؟

    6
    1
  6. ހިރުނދޭ

    ކާފަ ދުނިޔޭގަ ހުރިނަމައޭ ހިތަށް އަރާ މިދުވަސްދެކެން!

    3
    1
  7. ހާމިދު ޝާހިދު

    ދިދަ ރީއްޗެވެ. ކުލަވެސްމެއެވެ. އަދި ލޯގޯވެސް ކުރިން އިން ކާޅު ވަންތަ ބާޒަށް ވުރެއް ފުރިހމަ ބާޒެކެވެ. އުންމީދު ކުރަނީ އަލުން އެ ލެގަސީ ގެނެވުމަށެވެ. އެކަމަކު، ނިއު ރޭޑިއަންޓުގެ 6 މިލިއަންގެ ދަރަނި ދައްކާފައި އެޓީމު ރިފޯމު ކުރިނަމަ މާ ރަނގަޅުވާނެއެވެ. އެހެނީ، ސަޕޯޓަރުން ރޭޑިއަންޓް ބަލައިގަންނަން އަދި އުނދަގޫވާނެތީއެވެ. ދަރަންޏެއް އޮތްނަމަ އެދެއްކޭނެ މަގު އަދިވެސް ފެންނަން އެބައޮތެވެ. ކްލަބް ފީކަޅާވީ، ކުއީން ވަހީދުގެ ދަރި، އަލީ އާޒިމް މެން ސިޔާސީވެ، ސިޔާސީ ގޮނޑި ކާމިޔާބު ކުރަން ކްލަބް ގެ ނަން ބޭނުން ކުރަން ފެށުމުންނެވެ. ހެންވޭރު މީހުން މިހާޜު ތިބީ ފޫހިވެފައެވެ. ރިފޯމު ވެގެން އަންނަ އިރު، "ހެންވޭރޭޑިއަންޓް" މިހެން ކީނަމަ ތަންކޮޅެއް ބޮޑަށް ހެންވޭރަށް ނިސްބަތްވާނެއެވެ. ކްލަބް ފޯރިއާ އަވަށު ފޯރީގައި ކުޅި ބަލަން ދާނެ މީހުން އިތުރުވާނެއެވެ. މުޅި ހެންވޭރުގެ އާބާދީގެ ކޮންމެ ބޮލަކުން 1 ރުފިޔާ މަހަކު ދެއްކި ނަމަވެސް ދަރަނި ކަނޑާލެވި، ޒަމާނީ ޕްލެޓްފޯމެއްގައި ވިޔާފާރި އުސޫލުން ކްލަބް މެކުހައްޖަހާ އަލުން ލީޑު ހޯދުނީހެވެ. ބޭނުންވަނީ ހަރުދަނާ ސިކުނޑިތަކެކެވެ.

  8. ޭސނހސ

    ވަރަށް ހެޕީ

  9. ޢަހުމަދް ކަރީމޯފް

    ހައެއްކަ މިލިއަން ނުދެއްކިގެނެ އެންމެބޮޑު ޓީމު ވަޅުލެވިގެން ތިޔަދިޔައީ. ޢަދިވެސް ލެގެސީއޭކިޔާ! އެވަ ރު ނުކޮށްލެވުނު ބަޔަކަށް ކޮން ލެގެސީއެއް ދެމެހެއްޓޭނީ! ނިއު ރޭޑިއަންޓު ވަޅުލާފައި އެހެންޓީމެއް ހަދާފައި ދެން ލެގެސީކިޔަން ނޫޅޭ! ވަޜަށް ހުތުޜު ގޭމެއް އަނެއްކާ ހަޑިގޮތަކަށް ނިއު ގެ ޒަމާން ތި ދުއްވާލަނީ!

  10. ދިގުބުރިއަން

    އާއްމުންމެދުގައި ދިވެހި ފުޓުބޯޅައަށް އޮތްލޯބި ކެނޑި ގަލޮޅުދަނޑަށް ފުޓުބޯޅަ ބަލަން ވަނުން ހުއްޓުނީ ދިވެހި ފުޓުބޯޅަ މާބޮޑަށް ޕްރޮފެޝަނަލްވެ ކުޅުންތެރިންނަށް މުސާރަދީ ބޮޑު އަގުތަކުގައި ކުޅުންތެރިން އެއްކުލަބުން އަނެއްކުލަބަށް ބަދަލުވާން ފެށުމުން. އަހަރެންނަކީވެސް އޭރު ބަރާބަރަށް 10 ރުފިޔާ ހޯދައިގެން ދަނޑަށް ވަންނަމުންދިޔަ މީހެއްމީހެއް. ކުރީގެ ޓީމުތައް އަނބުރާ ގެނައުމަކީ ވަރަށް އުފާވެރި ހަބަރެއް. ނަމަވެސް ދިވެހިޓީމުތައް ދަރަނިވެރިނުވެ ހިންގޭނެގޮތެއް ހޯދައިގެން ނޫނީ ރާއްޖޭގައި ފުޓުބޯޅަ ކުރިއެއްނާރާނެ