ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ސަސްޕެންޑުކޮށްފައިވާ ރަޝިޔާއިން ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވަންބިޑުކޮށްފިއެވެ.

ރަޝިޔާއިން މި ބިޑުކޮށްފައިވަނީ ތުރުކީ އާއި ގުޅިގެން ޖޮއިންޓް ބިޑުގެ ގޮތުގައެވެ. އެއީ ޔޫރޯ 2028 ނުވަތަ 2032 ބޭއްވުމަށެވެ.

ބިޑުކުރުމުގެ ސުންގަޑި ހަމަވިއިރު ދެން މި ބިޑުކޮށްފައިވަނީ އިނގިރޭސިވިލާތް އަދި އަޔަލޭންޑް އެވެ. މި ދެ ގައުމުވެސް ބިޑުކުރީ ގުޅިގެން ޔޫރޯ 2028 ބޭއްވުމަށެވެ.

ރަޝިޔާއާއި ތުރުކީން ހުށައަޅާފައިވަނީ އިޓަލީ އާއި ގުޅިގެން 2032 ގެ ޔޫރޯއަށް ބާއްވާށެވެ. މި ދެ މުބާރާތް ބާއްވާނެ ތަނެއް ޔުއެފާއިން އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރަޝިޔާއިން ވަނީ މީގެކުރިން 2018 ގެ ވޯލްޑްކަޕް ބާއްވާފައެވެ. އަދި އެންމެފަހުން މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ބައެއް މެޗުތައް ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ވަނީ ކުޅެފައެވެ.

މިފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުވެސް ކުޅުމަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ ރަޝިޔާގަައެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރޭނަށް ވެރިވެގަތުމުން ޔުއެފާއިން ވަނީ ފައިނަލް ކުޅޭ ގައުމު ބަދަލުކޮށްފައެވެ.

އަންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރަޝިއާއަށް ދޭން ނިންމި ނަމަވެސް އިތުރު އެންގުމެއް އަންގަންދެން ރަޝިޔާ ވަނީ ދުނިޔޭގެ ފުޓުބޯޅައިން ސަސްޕެންޑުކޮށްފައެވެ. މީގެއިތުރުން ކުލަބު ފުޓުބޯޅައިގައި ވެސް އެ ގައުމު ވަނީ ސަސްޕެންޑުކޮށްފައެވެ. އެހެންކަމުން ޔުއެފާ އަދި ފީފާއިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ރަޝިޔާއަށް ބައިވެރިނުވެވޭނެ އެވެ.

މި ހުރިހާ ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައިވަނިކޮށް ރަޝިޔާއިން ޔޫރޯއަށް ބިޑުކުރުމުން ގިނަބަޔަކު ތިބީ ހައިރާންވެފައެވެ. ތުރުކީން 2024 ގެ ޔޫރޯ ބިޑު ކާމިޔާބުނުވި ނަމަވެސް ރަޝިޔާއާއި ގުޅިގެން މިފަހަރުގެ ބިޑު ކާމިޔާބުވެދާނެ ކަމަށް އެ ގައުމުން އުއްމީދުކުރެެއެވެ. ޔޫރޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައެވެ.

ޔުއެފާގެ ތަރުޖަމާނަކު ވަނީ ރަޝިޔާ ފުޓުބޯޅަ ޔޫނިއަން (އާރުއެފްޔޫ) ގެ ބިޑާއި ގުޅޭގޮތުން މިއަހަރުގެ އޭޕްރީލް އަދި މެއި މަހު ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ޔުއެފާއިން "ގާނޫނީ އަދި ހަގީގީ ހާލަތު އަލުން ދިރާސާ ކުރާނެ" ކަމަށްވެސް ބުންޏެވެ.