ޔުވެންޓަސް އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ވިންގާ އެންހަލް ޑިމަރިއާ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ގޯލްޑޮޓްކޮމް" އިން ބުނީ، ފްރީ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއިން ޑިމަރިއާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އޭނާއަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްވެސް ހުށަހަޅާފައިވާ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 52 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވި ޑިމަރިއާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ޕީއެސްޖީން އޭނާގެ އެއްބަސްވުން ހަމަކުރާނެ ކަމަށް ނުބެލެވެއެވެ.

މިގޮތުން، ޔުވެންޓަސްއިން ޑިމަރިއާއާއެކު ކުރިޔަށް ގެންދާ މަޝްވަރާތައް ނިމި، އޭނާ އެއް އަހަރުގެ އެއްބަސްވުމަކަށް އެ ކްލަބަށް ބަދަލުވާން ވަރަށް އަވަހަށް އެއްބަސްވާނެ ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ޕީއެސްޖީއާއެކު އުމުރުން 34 އަހަރުގެ ޑިމަރިއާ ހޭދަކުރި ހަތް ސީޒަނުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 291 މެޗުގައި 91 ލަނޑު ކާމިޔާބުކޮށް، 117 އެސިސްޓް ހަދާފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފަސް ލީގު ތަށި މިހާތަނަށް ކާމިޔާބުކޮށްފައެވެ