މަޝްހޫރު ނޫސް މަޖައްލާއެއް ކަމަށްވާ "ފޯބްސް" އިން ހާމަކުރި މިދިޔަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި އެތްލީޓުންގެ ލިސްޓުގެ އެއްވަނަ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ އަށް ލިބިއްޖެއެވެ.

ކެރިއަރުގެ ބޮޑު ބައި ބާސެލޯނާގައި ހޭދަކުރުމަށްފަހު މެސީ ވަނީ މިދިޔަ އަހަރު ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން އަށް ބަދަލުވެފައެވެ. ޕީއެސްޖީއަށް މެސީ ބަދަލުވީ ސްޕެއިންގައި އޭނާ އަށް ލިބުނު މުސާރަ އަށް ވުރެ ކުޑަ އުޖޫރައެއްގައެވެ. އެހެންނަމަވެސް މިދިޔަ އަހަރު ވެގެންދިޔައީ އޭގެ ކުރީ އަހަރުތަކެކޭ އެއްފަދައިން އިޝްތިހާރުތަކުންނާއި އެހެނިހެން ގޮތް ގޮތުން މެސީ އަށް ބޮޑު އާމްދަނީއެއް ލިބުނު އަހަރަކަށެވެ.

ފޯބްސް މައްޖައްލާގައި ބުނެފައިވާގޮތުން މެސީ ވަނީ މިދިޔަ އަހަރު މުޅިއެކު 130 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފައެވެ. މުސާރައިގެ ގޮތުގައި ޕީއެސްޖީން މެސީ އަށް ދެނީ ގާތްގަޑަކަށް 41 މިލިއަން ޑޮލަރެވެ. ބާކީ އެއީ ސްޕޮންސަރުގެ ގޮތުގައްޔާއި އިޝްތިހާރު ކުޅެގެން މެސީ އަށް ލިބުނު އަދަދެވެ. މެސީ އެއްބަސްވުން ހަދާފައިވާ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި އެޑިޑާސް، ޕެޕްސީ އަދި ބުޑްވެއިސާ ހިމެނެއެވެ.

ފޯބްސް އިން ނެރެފައިވާ ލިސްޓުގެ ދެވަނައިގައި އޮތީ ބާސްކެޓްބޯޅަ ތަރި ލެބްރޮން ޖޭމްސް އެވެ. ޖޭމްސް އަށް މިދިޔަ އަހަރު 121 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައިވާއިރު ލިސްޓުގެ ތިންވަނައިގައި އޮތް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ 115 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ލިސްޓުގެ ހަތަރުވަނައިގައި ބްރެޒިލްގެ ނޭމާ އޮތްއިރު ފަސްވަނައިގައި އޮތީ ބާސްކެޓްބޯޅަ ތަރި ސްޓެފަން ކަރީ އެވެ.