ގްރީސްގެ ސްޓެފަނޮސް ސިޓްސިޕަސް ބަލިކޮށް ހަވަނަ ފަހަރަށް އޭޓީޕީ ރޯމް މާސްޓާސްގެ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދައިފިއެވެ.

ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗް ޖޮކޮވިޗް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ދުނިޔޭގެ ހަތަރު ވަނަ ރޭންކުގައި އޮތް ސިޓްސިޕަސްއާ ވާދަކޮށް ޖޮކޮވިޗް މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ފަސޭހަކަމާއެކު 6-0 އިންނެވެ. ދެވަނަ ސެޓުގައި ސިޓްސިޕަސް ވަނީ ޖޮކޮވިޗަށް ރަނގަޅު ފައިޓެއް ދީފައެވެ. މި ސެޓު 6-6 ގޭމް އިން އެއްވަރު ވުމުން ކުޅުނު ޓައި ބްރެކުގައި ޖޮކޮވިޗް ވަނީ 7-5 އިން ކުރިހޯދައިފައެވެ.

މިއީ ރޯމް މާސްޓާސް ޖޮކޮވިޗް އަމިއްލަ ކުރި ހަވަނަ ފަހަރެވެ. މި މުބާރާތުގެ ފައިނަލްގައި 12 ފަހަރަކު ޖޮކޮވިޗް ކުޅެފައިވާއިރު މިދިޔަ ތިން އަހަރު ވެސް އޭނާ ވަނީ ފައިނަލުގައި ކުޅެފައެވެ. ސްޕެއިންގެ ރަފައެލް ނަޑާލް ނަގާފައި ރޯމް މާސްޓާސްގެ އެންމެ ކާމިޔާބު ކުޅުންތެރިއަކީވެސް ޖޮކޮވިޗެވެ. ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ނަޑާލް ވަނީ 12 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މިރޭގެ ތައްޓާއެކު ޖޮކޮވިޗް ވަނީ މިހާތަނަށް ރެކޯޑް 38 އޭޓީޕީ 1000 ސީރީސްގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އޭޓީޕީ 1000 ސީރީސް އަކީ ގްރޭންޑް ސްލޭމް މުބާރާތްތައް ނެގުމަށްފަހު ޓެނިހުގައި ކުޅެވޭ އެންމެ މަތީ ފަންތީގެ މުބާރާތްތަކެވެ.