ދިވެހި ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން މާޓިން ކޫޕްމަން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށް ފީފާއިން ނިންމައިފިއެވެ.

ފީފާގެ ޓްރައިބިއުނަލް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންގާފައި ވަނީ ކޫޕްމަންއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ޖެނުއަރީ 2024 އާ ހަމަޔަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ އޭނާއަށް 45 ދުވަސް ތެރޭގައި ދެއްކުމަށެވެ.

މީގެއިތުރުން އެފްއޭއެމްއަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ފީފާގެ ޑިވެލޮޕްމަންޓް ބަޖެޓުން އެފްއޭއެމްއަށް ދޫކުރާ ފައިސާގެ ތެރެއިން އެއަށްވާ އަދަދު އުނިކުރާނެ ކަމަށްވެސް ފީފާގެ ޓްރައިބިއުނަލް އިން ވަނީ ބުނެފައެވެ.

އެފްއޭއެމްއާއެކު ކޫޕްމަން ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އުވާލިއިރު، އެފްއޭއެމް އިން ބުނެފައިވަނީ އެއްބަސްވުން އުވާލީ ދެފަރާތުން ވާހަކަ ދެކެވިގެން ކަމަށެވެ.

ނަމަވެސް، ފީފާއަށް މައްސަލަ ހުށަހަޅަމުން ކޫޕްމަން ބުނީ ބޭނުން ގޮތެއް ނުހެދޭނެ ކަމަށާއި، މާލީ އެއްބަސްވުން އުވާލުމުން މާލީ ގޮތުން އޭނާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކޫޕްމަންއާއެކު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، ނެދަލެންޑްސްގެ ރެނޭ ހިޑިންކް މިިދިޔަ އަހަރު މަގާމުން ވަކިކުރި ގޮތުގެ މައްސަލަ ފީފާ ޓްރިބިއުނަލް އިން ބަލައި، އޭނާއަށް 2.9 މިލިއަން ރުފިޔާ ދިނުމަށް ފީފާއިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާމު

    ސާބަހޭ ބައްސާމް. ގޮނޑީގައި ބާރަށް ހިފަހައްޓައިގެން އޮންނާތި.

  2. މާއްޓޭ

    ކޫޕްމަންއަކީ ވަރަށް މޮޅު ކޯޗެއް. ފަހުގެ ތާރީހެއްގައި ރާއްޖޭގެ ޤައުމީޓީމްކުޅުން އެންމެ ރީތި އެންމެ ބަލާހިތްވާ ފުޓްބޯޅައެއް ކުޅުނީ ކޫޕްމަންގެ ކޯޗްކަމުގެ ދަށުން. ކޮންމެ މުބާރާތަކުން ނަތީޖާ ނުނެރެވުމަކީ ކޯޗްނަގާ ހޫރާލަންްވީ ކަމެއްނޫން. އިންގްލެންޑްގެ ކޯޗް މިހާ ގިނަދުވަހު ކޯޗްކަމުގައި އެހުރީ ކޮންނަތީޖާ ތަކެއް ނެރެވިގެން. މަންޗިނީ އިޓަލީގެ ކޯޗްކަމުގައި އެހުރީ އަދިވެސް އެކަމް އިޓަލީ ވޯލްޑް ކަޕަށް ކޮލިފަިވެސް ނުވޭ. ކޯޗުންނަށް ޤައުމީޓީމެއް ތައްޔާރު ކުރަން އެކަށީގެންވާ ވަރަށް ވަގުތު ބޭނުންވާނެ. ހަމަ ސްޒޭން ބޮޑާހާކާލާއިރަށް ކޯޗް ވަކިކޮށްފަ އަލީ އުމަރު ބޭނުންވާއިރަށް ސްޒޭން ވަކިކޮށްފަ މިހެން ކަންކަން ކުރީމާ ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ލަދުގަންނަ ކަހަލަ ހަބަރުތަށް މިއަޑުއިވެނީ. ދިވެހި ފުޓްބޯޅައިގަ އަބަދު މިއޮންނަނީ ކޮންމެސް ބަޔަކަށް މުސާރަ ނުދީގެން ފީފާއިންނާއި އޭއެފްސީއިން ބަޔާން ނެރެފަ. ބައްސާމްލައިގެން ދިވެހި ފުޓްބޯޅަ ކުރިޔަށްދާތަނެއް ނުފެނޭ.