ޔުއެފާ ނޭޝަންސް ލީގުގައި 0-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް، ކްރޮއޭޝިއާއިން އެޓީމުގެ ތާރީހުގައި ފްރާންސް އަތުން ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ފްރާންސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން މިނެޓެއް ތެރޭގައި ކްރޮއޭޝިއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކެޕްޓަން ލޫކާ މޮޑްރިޗްއެވެ.

މި ލަނޑާއެކު ކްރޮއޭޝިއާއިން ފަހަތަށް ޖެހިގެން ކުޅެމުން ގޮސްފައިވާއިރު، ފްރާންސް އިން ދިޔައީ ކްރޮއޭޝިއާގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. މިގޮތުން އެޓީމުން ދިޔައީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތައް މަދުން ނަމަވެސް ހޯދަމުންނެވެ.

މުޅި މެޗުގައި ފްރާންސް ހިފެހެއްޓުމަށް ކްރޮއޭޝިއާއިން އޯގަނައިޒް ޑިފެންސެއް ދިޔައީ ކުރަމުންނެވެ. އަދި ފްރާންސްއަށް މާ ގިނަ ހަމަލާތަކެއްވެސް އުފެއްދުމަށް ކްރޮއޭޝިއާއިން ފުރުސަތު ދީފައި ނުވާއިރު، ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ފްރާންސްއަށް ހިފިފައެއް ނުވެއެވެ.

ކްރޮއޭޝިއާ އިން މެޗުގައި ލީޑު ނެގުމަށްފަހު ދެވަނަ ހާފްގައި ލީޑު ފުޅާ ކުރަން ދެ ތިން ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް އެ ހަމަލާތައް ފްރާންސްގެ ކީޕަރު ވަނީ ހުށިއާރު ކަމާއެކު ދިފާއުކޮށްފައެވެ.

ފްރާންސް ވަނީ މި މަހުގެ ތިން ވަނަ ދުވަހު ޑެންމާކް އަތުން 1-2 ގެ ނަތީޖާއިން އަމިއްލަ ދަނޑަށް ބަލިވެފައެވެ. މިގޮތުން މިއީ އަމިއްލަ ދަނޑަށް ފްރާންސް ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ނޭޝަންސް ލީގު "އޭ" ގެ ގްރޫޕް "ވަން" ގައި ފްރާންސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. އެއްވަނައިގައި އޮތީ މިރޭ 0-2 ގެ ނަތީޖާއަކުން އޮސްޓްރިއާގެ މައްޗަށް ކުރިހޯދި ޑެންމާކްއެވެ. އެޓީމު އޮތީ ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކުގައެވެ.

މީގެއިތުރުން ގްރޫޕްގެ ދެވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެން މިރޭ ފްރާންސް އަތުން މޮޅުވި ކްރޮއޭޝިއާއެވެ. އަދި ގްރޫޕްގެ ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން މިރޭ ޑެންމާކް އަތުން ބަލިވި އޮސްޓްރިއާއެވެ.