ގއ. ކަނޑުހުޅުދޫގައި މިހާރު ފެށިގެން ކުރިއަށްދާ އެސްޓީއޯ ކަންމަތި ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން އެފްސީ އެސްޕާޑާ އަދި ޑަ ރޯޔަލްސް މޮޅުވެއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޕާޑާ ބައްދަލުކުރީ ކޯރޭ އެފްސީއާ އެވެ. މި ދެ ޓީމުގައި ވެސް ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭއިރު މިއަދުގެ ކުރިމަތިލުން އެސްޕާޑާ ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-1 އިންނެވެ. މެޗުގައި އެސްޕާޑާ އަށް ގޯލްތައް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އަދި މުހައްމަދު ޒައިންގެ އިތުރުން އަބްދުﷲ ޒިޔާން އެވެ. ޒިޔާން ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. ކޯރޭ އެފްސީން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޔަފާއު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޕާޑާގެ އަލީ ހާފިޒް (ހާއްޕެ) އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޑަ ރޯޔަލްސް އަދި ގދ. ގައްދޫ އަށް ނިސްބަތްވާ ކްލަބް ގަސްދޮށު އެވެ. މި މެޗް ރޯޔަލްސް ކާމިޔާބުކުރީ 15-2 އިންނެވެ. މެޗުގައި ރޯޔަލްސްގެ އަޔާޒް އަހުމަދު (އަޔާ) ހަ ގޯލް ޖެހިއިރު މުހައްމަދު ވިލްފް އަދި މުހައްމަދު އައްޔޫބް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ގޯލް ޖަހައިފައެވެ. އަލީ ސައީދް، އައްޒާމް އަލިދީދީ އަދި އިސްމާއިލް އަންވާރު މިއިން ކޮންމެ ކުޅުންތެރިއަކު މެޗުގައި އެއް ގޯލް ޖެހިއިރު ކްލަބް ގަސްދޮށަށް މެޗުގައި ގޯލްތައް ޖަހައިދިނީ އިސްހާގް ރަޝީދު އަދި މުހައްމަދު އިޔާދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލްސްގެ އަޔާޒް އަހުމަދު (އަޔާ) އެވެ.

އެސްޓީއޯ ކަންމަތި ފުޓްސަލް މުބާރާތުގެ ކުޅުން ދެން ކުރިއަށްދާނީ މާދަމާ އެވެ. މާދަމާ ދެ މެޗެއް ކުޅޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކޯރޭ އެފްސީ އަދި ކްލަބް ގަސްދޮށު އެވެ. މާދަމާ ކުޅޭ ދެވަނަ މެޗުގައި އެސްޕާޑާ ނުކުންނާނީ އާރުޑީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.