ސީއެސްކޭއޭ މޮސްކޯ އަށް ކުޅެމުން އައި ރަޝިޔާގެ ހުނަރުވެރި މިޑްފީލްޑަރު އެލެގްޒެންޑާ ގޮލޮވިން ފްރާންސްގެ މޮނާކޯ އަށް ބަދަލުވެއްޖެއެވެ.
އުމުރުން 22 އަހަރުގެ ގޮލޮވިން މޮނާކޯ އަށް ބަދަލުވީ 30 މިލިއަން ޔޫރޯ އަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ގޮލޮވިން މޮނާކޯ އަށް ބަދަލުވިއިރު އޭނާ ގެންނަން ޗެލްސީން ވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ރިޕޯޓުތައް ބުނާގޮތުން ޗެލްސީގެ ބަދަލުގައި ގޮލޮވިން މޮނާކޯ އަށް ބަދަލުވި މައިގަނޑު އެއް ސަބަބަކީ ކުޅުމުގެ ފުރުސަތު ގިނައިން ހޯދުމެވެ.
މޮނާކޯގެ ނައިބު ރައީސް އަދި އެ ކްލަބުގެ ޗީފް އެގްޒެކެޓިވް ވާޑިމް ވަސިލޭވް ވިދާޅުވީ ގޮލޮވިން މޮނާކޯ އަށް ބަދަލުވީ ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް ކަމަށެވެ.
"ގޮލޮވިން އިހުތިޔާރު ކުރީ މޮނާކޯގެ ޕްރޮޖެކްޓް. މިއީ ގޮލޮވިންގެ ކުރިއެރުމަށް އެންމެ ބަރާބަރު ކަންތައްތައް ފޯރުކޮށްދޭނެ ޕްރޮޖެކްޓް" ވަސިލޭވް ވިދާޅުވިއެވެ.
ގޮލޮވިން އަކީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި ރަޝިޔާ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ރަޝިޔާ ވަނީ ވަރުގަދަ ސްޕެއިން ކަޓުވާލުމަށްފަހު އެ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ.